ނޫސް ބަޔާން

މިއަދު ކުރިއަށްދާ ލޯކައުންސިލް އިންތިޚާބުގައި ވޯޓްލާ މަރުކަޒުތަކުގައި އިލެކްޝަން ކޮމިޝަނުގެ ފަރާތުން އާންމުކޮށްފައިވާ ލިސްޓްތަކުގައި ބައެއްމީހުންގެ ފޮޓޯ ނެތުމުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެކަމުގެ ސާފު މަޢުލޫމާތު ހާމަކުރުމުގެ ގޮތުން ދަންނަވަމެވެ.

ޑިިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ފަރާތުން އިލެކްޝަން ކޮމިޝަންގެ އެދިވަޑައިގަތުމަކަށް ރިޔާސީ އިންތިޚާބެކޭ އެއްފަދައިން މިއިންތިޚާބުގައި ޑީ އެން އާރުގައި ހުރި މަޢުލޫމާތުތަކުގެ ތެރެއިން އިލެކްޝަން ކޮމިޝަނުގެ ފަރާތުން އެދިވަޑައިގަތް 18 އަހަރުން މަތީގެ މީހުންގެ ފުރިހަމަ މަޢުލޫމާތުތައްވާނީ ހިއްސާކޮށްފައެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަކީ އެތަނާ ހިއްސާކުރާ މަޢުލޫމާތުތައް ރައްކާކޮށް ބަލަހައްޓާ އިދާރާއެކެވެ. ވިހާ މަރުވާ މީހުންގެ މަޢުލޫމާތު ދުވަހުން ދުވަހަށް ބެލެހެއްޓުމަށްޓަކައި ކައުންސިލަތަކާކަމާބެހޭ މުއައްސަސާތަކާއި އާންމު ފަރުދުންގެވެސް ޤާނޫނީ އަދި އިޖްތިމާއީ ޒިންމާއެއް އޮތްކަމުގައި މިމިނިސްޓްރީން ދެކެމެވެ.

ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން އިލެކްޝަން ކޮމިޝަނުން ވޯޓު ރަޖިސްޓްރީގައި މީހުންގެ ފޮޓޯ ހިމެނުމަށް ބޭނުންވާ ކަމަށްބުނެ 1176 މީހުންގެ އައިޑީކާޑް ނަމްބަރ ފޮނުވިއެވެ. މިގޮތުން 6 ޖެނުއަރީ 2014 ވީ ހޯމަ ދުވަހު މެންދުރުފަހުގެ ވަގުތެއްގައި ލިސްޓް ޑީ އެން އާރަށް ފޮނުވުމުން އެލިސްޓްގައިވާ އައިޑީ ނަމްބަރުތައް ބަލާ ޗެކްކުރުމަށްފަހު 7 ޖެނުއަރީ 2014 ވީ އަންގާރަ ދުވަހު ހެނދުނު 9:00 ގެ ކުރިން ޑީއެންއާރުގައި ހުރި މިދެންނެވި 1176 މީހުންގެ މަޢުލޫމާތުވާނީ ތަފްޞީލްކޮށް ޙިއްސާކޮށްފައެވެ.

އަދި މިފުރުޞަތުގައި ދަންނަވަމެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގައި ހުރި މަޢުލޫމާތުތަކުގެ ތެރެއިން އިލެކްޝަން ކޮމިޝަނަށް ބޭނުންވާ މަޢުލޫމާތު ލިންކް މެދުވެރިކޮށް އިލެކްޝަން ކޮމިޝަނުން ނަގާ ބޭނުންކުރެވޭ ގޮތަށް ވާނީ ހަމަޖައްސައި ދެވިފައެވެ.

18 ޖެނުއަރީ 2014