ސަރުކާރުގެ ރަސްމީ އިދާރާތަކުން މަޢުލޫމާތު އާންމުކުރުމަށް އެދި ހޯމް މިނިސްޓްރީން ސަރކިއުލަރއެއް ނެރެފި

ސަރުކާރުގެ ރަސްމީ އިދާރާތަކުން މަޢުލޫމާތު އާންމުކުރުމަށް އެދި ހޯމް މިނިސްޓްރީން މިއަދުސަރކިއުލަރއެއް ނެރެފިއެވެ. މިސަރކިއުލަގައިވާ ގޮތުން، ޤާނޫނުއަސާސީގެ 29 ވަނަ މާއްދާގައި ބާޔާންކުރާ ފަދައިން މަޢުލޫމާތު ހޯދުމާއި ލިބިގަތުމަކީ ކޮންމެ މީހަކަށްމެ ލިބިފައިވާ އަސާސީ ހައްގެކެވެ. އަދި ރަސްމީ އިދާރާތަކުން މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤަވާއިދުގެ 36 ވަނަ މާއްދާ، "އާންމުކުރުމުގެ ޒިންމާ" ގައި ބަޔާންކުރެވިފައިވާ ފަދައިން ރަސްމީ ކޮންމެ އިދާރާއަކުންވެސް އަމިއްލަ އިސްނެންގެވުމުގެ މަތިން އެއިދާރާއަކުން ކުރައްވަމުންގެންދަވާ މަސައްކަތްތައް، މަދުވެގެން އަހަރަކު އެއްފަހަރު، ނުވަތަ އެ އިދާރާއަކުން ކަނޑައަޅުއްވާ އެއަށްވުރެ އަވަސް މުއްދަތުތަކެއްގައި، ރައްޔިތުންނަށް ފަސޭހައިން ލިބިދެވޭނެ ގޮތަކަށް، ޝާއިޢުކުރައްވަމުން ގެންދަންޖެހޭކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން އޮފީސްތަކަށް ހުށަހެޅޭ ސިޓީ ތަކަށް ހަމަޖެހިފައިވާ ޤަވާއިދާ އެއްގޮތަށް އެމުއްދަތުގައި ޖަވާބު ދެއްވުމާއި، މަސައްކަތްތަކުގެ މަޢުލޫމާތު ވީހާ ފުޅާ ދާއިރާއެއްގައި މީޑިއާ މެދުވެރިކޮށް ހާމަކުރެއްވުން އެދި މިސަރކިއުލަގައި ބަޔާންކޮށްފައިވެއެވެ.

މިސަރކިއުލަރގައި ބަޔާންކޮށްފައިވާ ބައިތަކުގެ ބޮޑުބައެއް ކޮންމެ އިދާރާއަކުންވެސް ތައްޔާރުކޮށް އެއިދާރާގެ އަހަރީ ރިޕޯޓުގައިވެސް ހިމެނޭނެތީ، މިޤަވާއިދުގައި ކަނޑައެޅިފައިވާ މަޢުލޫމާތުތައް ހިމެނޭގޮތަށް އެއޮފީހެއްގެ ވެބްސައިޓް ނުވަތަ ނޯޓިސްބޯޑު މެދުވެރިކޮށް 2014 ފެބްރުއަރީ 15 ވަނަ ދުވަހުގެ ކުރިން ޢާންމުކުރެއްވުން އެދި މިސަރކިއުލަރގައި ބަޔާންކޮށްފައިވެއެވެ.