މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ހެނދުނު އޮންނާނެ

މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ހެނދުނު 10:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.

މިޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވާހަކަފުޅު ދައްކަވާނެއެވެ. އަދި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަލްފާޟިލް ޢުމަރު ނަޞީރާ، މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދްގެ ވާހަކަފުޅު ދެއްކެވުންވެސް އޮންނާނެއެވެ.

2004 ޑިސެމްބަރ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީއާއި ގުޅިގެން ކޮންމެ އަހަރަކުވެސް މިދުވަސް އަންނަނީ ފާހަގަ ކުރަމުންނެވެ. މިއަހަރު އިތުރަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި 26 ވަނަ ދުވަހު ހެނދުނު 9:20 ގައި ސްކޫތެއް ގެނައުމާއި 28 ވަނަ ދުވަހު ހެނދުނު 7:30 ން މެންދުރު 12:00 ށް މުޅި ރާއްޖޭގައި ސާފު ކުރުމުގެ ހަރަކާތެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. ސްކޫތު ގެންނަ ވަގުތު ސަރުކާރުގެ މުއައްސަސާތަކާ ކުންފުނިތަކުގެ މުވައްޒަފުން އެއިދާރާތަކުގެ ބޭރަށް ނުކުމެ އެވަގުތު 1 މިނެޓްގެ ސުކޫތުގައި ބައިވެރިވާނެއެވެ.