މަސްތުވާތަކެއްޗާއި ދެކޮޅަށް ވަރުގަދަ ހަމަލާއެއް ފަށައިފައިވާ ކަމަށް ހޯމް މިނިސްޓަރ ވިދާޅުވެއްޖެ

ރާއްޖޭގައި މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ ފަރާތްތަކާ ދެކޮޅަށް ވަރުގަދަ ހަމަލާއެއް ފަށާފައިވާކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާރޒް އަލްފާޟިލް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިޑިސެމްބަރ މަހު ފުލުހުން ހިންގި ޙާއްސަ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ހިންގަމުންދާ ދެތަނެއް ފުލުހުން އަތުލައިގަތުމާއި ގުޅިގެން ފުލުހުންނަށް ބޭއްވީ ޚާއްސަ ރޭގަނޑުގެ ފަރިއްކޮޅެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން ބަންދު ބޯރޑް އަޅުވަންޖެހޭ ގަޑި މިހާރު އަތުވެއްޖެކަމަށާއި އެމަސައްކަތް ހުއްޓާލުމަށާއި ޝަރުއީ ކޯޓުތައް މެދުވެރިކޮށް އެފަދަ ވިޔަފާރި އެއް ކުރާ ފަރާތްތަކަށް ހައްޤު އަދަބު ލިބެންދެން މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.

ފުލުހުންގެ މަސައްކަތް އެއްގިއަރު މައްޗަށް ޖައްސަވާ ބާރު ސްޕީޑެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާއި ދިމާއަށް ހަމަލާ ދެމުން ގެންދިޔުމަށް މިނިސްޓަރ ފުލުހުންނަށް އިލްތިމާސް ކުރެއްވިއެވެ.

ނަސަންދުރަ ޕެލެސް ހޮޓެލްގައި އޮތް މިހަފްލާގައި ފުލުހުންގެ އިދާރާގެ އެންމެ އިސް ބޭފުޅުންނާއި ހޯމް މިނިސްޓްރީގެ ސެކްޝަންތަކުގެ ވެރިން ބައިވެރިވެވަޑައިގަތެވެ.