މިނިސްޓަރ އޮފް ހޯމްއެފެއަރޒް ދ.އަތޮޅުގެ ރަށްތަކަށް ދަތުރުފުޅެއް ކުރައްވައިފި

މިނިސްޓަރ އޮފް ހޯމްއެފެއަރޒް އަލްފާޟިލް ޢުމަރު ނަޞީރު ދ.އަތޮޅުގެ ރަށްތަކަށް ހަފްތާ ބަންދުގައި ދަތުރުފުޅެއްކުރައްވައިފިއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދ.މީދޫއަށް ކުރެއްވި ދަތުރުފުޅަށްފަހު ދ.އަތޮޅުގެ މީހުން އުޅޭ ހުރިހާ ރަށަކަށް މިނިސްޓަރ ދަތުރުފުޅުުކުރެއްވިއެވެ. މިދަތުރުފުޅުގައި އެރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކުރަައްވާ މިނިސްޓްރީގެ ފަރާތުން އެރަށްރަށުގައި ކުރިއަށް ގެންދާ ކަންތައްތަކާއި އަދި ހުއްޓިފައިވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން، ދ.އަތޮޅު ވާނީގައި ހިންގާ ޕޮލިސް ޓްރޭނިންގ ސެންޓަރަށް ޒިޔާރަތް ކުރައްވާ އެތަނުގައި ތަމްރީންވަމުންދާ ދަރިވަރުންނާ ބައްދަލު ކުރައްވާ ތަމްރީން ފުރިހަމަ ކުރުމަށް ގަދައަޅާ މަސައްކަތް ކުރުމަށާއި އެއަށްފަހު ގައުމަށް ޚިދްމަތް ކުރުމުގައި ދެމިތިބުމަށް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.

މިދަތުރުފުޅުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޢަބްދުﷲ މުޙައްމަދާއި މިނިސްޓަރގެ ނައިބް އަލްފާޟިލް އަހްމަދު ޞިއްދީޤް އަދި އެގްޒެކެޓިވް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު އާދަމް ބައިވެރިވެވަޑައިގަތެވެ.