ކ. ކާށިދޫގައި ޖަލެއް އެޅުމަށް އައިމާ ކޮންސްޓްރަކްޝަންއާއެކު ސޮއިކޮށްފި

ކ. ކާށިދޫގައި ޖަލެއްއެޅުމަށް ބިޑްކާމިޔާބު ކުރެއްވި އައިމާ ކޮންސްޓްރަކްޝަނާއެކު ސޮއިކޮށްފިއެވެ. ހޯމް މިނިސްޓްރީގައި ބޭއްވި މިރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙަންމަދު ފަޔާޒެވެ. އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ޔުނާނު އިބްރާހީމެވެ.

143 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަޅާ މިޖަލުގެ ޢަމަލީ މަސައްކަތް މާދަމާ ފެށޭނެކަމަށް އައިމާ ކޮންސްޓްރަކްޝަނުން ބުންޏެވެ.

18 މަސްދުވަހުގެ ތެރޭގައި ނިންމަން އެގްރީމެންޓްގައި ކަނޑައެޅިފައިވާ މިޖަލު ބޭނުންކުރާނީ ލުއިޖަލެއްގެ ގޮތުގައެވެ. މިތަނުގައި ކުށްވެރިން ރީހެބިލިޓޭޓް ކުރުމަށްޓަކައި ތަފާތު ގިނަ ޙަރަކާތްތައް ރާވާ ހިންގުމަށްވަނީ ހަމަޖެހިފައެވެ.

މިރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހެބިލިޓޭޝަންގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.