ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ ދައުލަތުގެ މުއައްސަސާތަކުގެ ބޭފުޅުން ފަރާތްތައް ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ސިންގަޕޫރުގައި

ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އޮފީސްތަކުގެ ޓީމެއް ސިންގަޕޫރަށް ފުރައިފިއެވެ. ހޯމް މިނިސްޓްރީގެ ޖުވެނައިލް ޖަސްޓިސް ޔުނިޓުން އިސްނަގައިގެން ކުރާ މިދަތުރުގައި އެޔުނިޓުގެ އިސްވެރިންނާއި ކޭސްކަވަރުންގެ އިތުރުން ޖުވެނައިލް ކޯޓާއި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ހިއުމަންރައިޓްސް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ބޭފުޅުން ބައިވެރިވިއެވެ.

ޔުނިސެފްގެ އެހީގައި މިއޯގަސްޓް މަހުގެ 18 ން 31 އަށް ކުރާ މިދަތުރުގެ މައިގަނޑު މަޤްޞަދަކީ ސިންގަޕޯރު ފަދަ ކުރިއަރާފައިވާ ޤައުމެއްގައި ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ކުރިއަށް ގެންދާގޮތް ބަލާތަޖުރިބާ ހޯދުމެވެ. އެގޮތުން ސިންގަޕޫރުގެ ޖުވެނައިލް ކޯޓާއި ކުޑަކުދިންގެ ޖަލާ ޖުވެނައިލް ކަރެކްޝަނަލް ފެސިލިޓީގެ އިތުރުން ކޮމިއުނިޓީ ޕްރޮގްރާމް ހިންގާ ތަންތަނަށާއި ސިންގަޕޫރު ޕޮލިހަށް ޒިޔާރަތްކުރުމަށްވަނީ ހަމަޖެހިފައެވެ.

މިދަތުރުން ލިބޭ މަޢުލޫމާތުގެ ތަޖުރިބާގެ އަލީގައި ރާއްޖޭގެ ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތްކޮށް އެނިޒާމްގެ ތެރޭގައި މަސައްކަތްކުރާ އޮފީސްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެއެވެ.