ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގެ 13 ވަނަ ބުރުގެ ނިންމުން ފާހަގަކޮށްފި

ޖުވެނައިލް ޖަސްޓިސް ޔުނިޓާއި ޖުވެނައިލް ކޯޓު އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ޔުނިސެފްގެ އެހީގައި 2011 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގެ 13 ވަނަ ބުރު ގެ ނިމުން މ.މުލީގައި ބާއްވައިފިއެވެ.

ޖުމްލަ 28 މީހުން ބައިވެރިވި މިޓްރެއިނިންގައި މ.އަތޮޅުގައި މަސައްކަތްކުރައްވާ ފުލުހުންނާއި މެޖިސްޓްރޭޓުން ހިމެނެއެވެ. މީގެ އިތުރުން އަތޮޅު ކައުންސިލްއާއި މ.މުލި ކައުންސިލާއި އަތޮޅުގެ ބައެއް ސްކޫލްތައް ހިމެނެއެވެ.

ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގެ ބޭނުމަކީ ފުލުހުންނާއި، ޝަރުޢީދާއިރާއާއި އަދި ކުށްކުރާ ކުދިންނާއެކު މަސައްކަތް ކުރާ ދާއިރާތައް، ''ރެސްޓްރެޓިވް ޖަސްޓިސް'' ފަލްސަފާގެ އަލީގައި ކުށްކުރާ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ ގޮތްތަށް ތަޢާރަފްކުރުމެވެ. މިބައްދަލުވުމުގައި ކުށްކުރާ ކުދިންނާމެދު ޢަމަލުކުރާނެ ގޮތުގެ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޤަވާޢިދުތައް އޮޅުން ފިލުވައިދީ، ރެސްޓްރެޓިވް ޖަސްޓިސްގެ ފަލްސަފާއާއި ބައިނަލް އަޤްވާމީ މުޢާހަދާތަކުގެ އަލީގައި ހެދިފައިހުރި ޢަދްލުގެ ނިޒާމު ތަޢާރަފުކޮށްދީ، މިކަންކަމުގެ މައްޗަށް ކަމާބެހޭ ފަރާތްތައް އަހުލުވެރިކުރުމެވެ.

މިޓްރެއިނިންގެ ދަށުން މިހާތަނަށްވަނީ 193 ފުލުހުންނާއި 43 މެޖިސްޓްރޭޓުންވަނީ ތަމްރީނު ކޮށްފައެވެ.