ޕާމަނަންޓް ސެކްރެޓަރީ މަރިޔަމް ވަހީދާއަށް ހޯމްމިނިސްޓްރީގެ މުވައްޒަފުންގެ ފަރާތުން ވަދާއި ހަފްލާއެއް ބާއްވައިފި.

ޕާމަނަންޓް ސެކްރެޓަރީ މަރިޔަމް ވަޙީދާ މުއްދަތު ހަމަކުރައްވައި ވަކިވެ ވަޑައިގަންނަވާތީ، ހޯމްމިނިސްޓްރީގައި ހޭދަކުރެއްވި ދުވަސްތަކުގެ އަގުވަޒަންކޮށް ޝުކުރު ދެންނެވުމަށްޓަކައި ޚާއްޞަ ޙަފްލާއެއް މުވައްޒަފުންގެ ފަރާތުން ބާއްވައިފިއެވެ.

މަރިޔަމްް ވަހީދާ ވަނީ ހޯމް މިނިސްޓްރީގެ ވެރިއެއްގެ ގޮތުންނާއި ޕާމަނަންޓް ސެކްރެޓަރީއެއްގެ ގޮތުން މަސައްކަތް ކުރައްވާފައެވެ. ޕާމަނަންޓް ސެކްރެޓަރީއެއްގެ ގޮތުުގައި ފަސް އަހަރުގެ ޓާމެއް ހަމަ ކުރައްވައި ވަކިވެ ވަޑައިގަންވާއިރު، ސަރުކާރަށް 41 އަހަރަށް ވުރެ ގިނަ ދުވަހު ވަނީ ޙިދުމަތް ކުރައްވާފައެވެ. މަރިޔަމް ވަހީދާ ސަރުކާރަށް ޚިދުމަތް ކުރެއްވި ތާރީޚަށް ބަލާލާއިރު މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް، ޑިޕާޓްމަންޓް އޮފް އެޑިޔުކޭޝަން، ޑިޕާޓްމަންޓް އޮފް އެކްސްޓާނަލް އެފެއާޒް، ރޭޑިއޯ މޯލްޑިވްސް، މިނިސްޓްރީ އޮފް ހެލްތް، ނޭޝަނަލް ޕްލޭނިންގ އެޖެންސީ، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އެންވަޔަރމަންޓް، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒް، މިއޮފީސްތަކުގައި ތަފާތު މަޤާމުތައް ވަނީ ފުރުއްވާފައެވެ.

މިޙަފްލާގައި މިނިސްޓްރީގެ މުވައްޒަފުންގެ ފަރާތުން މާބޮޑިއަކާއި ހަދާނީ ފަތްކޮޅަކާއި، މިނިސްޓްރީގައި މަސައްކަތް ކުރާ ސިވިލް ސަރވިސް މުވައްޒަފުން ސޮއިކޮށްފައިވާ ލިޔުމެއް މަރިޔަމް ވަޙީދާއަށް އެރުވިއެވެ.

މިޙަފްލާގައި މަރިޔަމް ވަޙީދާ ދެއްކެވި ވާހަކަ ފުޅުގައި ހުރިހާ މުވައްޒަފުންވެސް ތެދުވެރިކަމާއި އަމާނާތްތެރިކަމާއިއެކު މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގަތެވެ. އަދި އަލަށް އަންނަ ޕީ.އެސް އަށް އެއްބާރުލުން ދިނުމަށާއި އެކުވެރިކަމާއިއެކު މަސައްކަތް ކުރުމަށް އެދިވަޑައިގަތެވެ. އަދި މިނިސްޓްރީން އެދޭ ކޮންމެ ދަޑިވަޅެއްގައި ހިލޭ ސާބަހަށް ޚިދުމަތްކޮށް ދެއްވާނެކަމަށް ވިދާޅުވިއެވެ.

މިޙަފްލާގައި މިނިސްޓަރާއި، ސިޔާސީ ބޭފުޅުން ވާހަކަ ދެއްކެވިއެވެ. އަދި ބައެއް މުވައްޒަފުންވެސް ވާހަކަ ދެއްކެވިއެވެ.

މިއަދަކީ އެކަމަނާ މިމިނިސްޓްރީގައި ފަސްއަހަރުގެ ދައުރު ހަމަކުރައްވާ މަސައްކަތްކުރައްވާ އެންމެ ފަހުދުވަހެވެ.