ބެލެނިވެރިކަމުގެ ހުނަރު އިތުރުކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފެށިއްޖެ

ސަރުކާރުން ފައްޓަވާފައިވާ މަދަނީ ތަޢްލީމު ޕްރޮގްރާމްގެ ދަށުން ޖުވެނައިލް ޖަސްޓިސް ޔުނިޓުން ކުރިއަށް ގެންދާ ބެލެނިވެރިކަމުގެ ހުނަރު އިތުރުކުރުމުގެ ތަމްރީން ޕްރޮގްރާމް (ޕޭރެންޓިންގ ސްކިލްސްގެ ޓްރެއިނިންގ) ގެ ދެވަނަ ޕްރޮގްރާމް ފެށިގެން ކުރިއަށް އެބަދެއެވެ.

މިއީ ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ދަށުން ކ.ފޭދޫ ފިނޮޅުގައި ހިންގާ ކަރެކްޝަނަލް ޓްރެއިނިންގ ސެންޓަރ ފޮރ ޗިލްޑްރަންގައި މިހާރު ތިބި ކުދިންގެ ބެލެނިވެރިންނަށް އަމާޒުކޮށް ހިންގޭ ޕްރޮގްރާމެކެވެ. މިމަހުގެ 14ން 28 އަށް ކުރިއަށް ގެންދާ މިޕްރޮގްރާމް ގައި ޖުމްލަ 15 ބައިވެރިން ބައިވެރިވިއެވެ.

މި މިޕްރޮގްރާމްގެ މަޤްޞަދަކީ ބެލެނިވެރިންނާއި ދަރިންގެ މެދުގައި ދުޅަހެޔޮ އުފާވެރި ގުޅުމެއް ބިނާކުރުމަށް އެހީތެރިވެ ދިނުމެވެ.

މިޕްރޮގްރާމްގައި މަޢުލޫމާތު ދެއްވަނީ ޖުވެނައިލް ޖަސްޓިސް ޔުނިޓާއި ލައިފްނެޓްގެ ފަރާތުންނެވެ.