ޖަލުގައި ތިބި ގައިދީން އަނބުރާ މުޖްތަމަޢުއަށް ގެނައުމަށް ހެޔޮއެދޭ ފަރާތްތަކުން އެހީތެރިވުމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ގޮވާލައްވައިފި

ރާއްޖޭގެ މުޖްތަމަޢު އިޞްލާޙުކުރުމަށާއި ގައިދީން އަނބުރާ މުޖްތަމަޢަށް ގެނައުމަށްޓަކައި އެއްފަރާތަށް ވުރެ ގިނަފަރާތްތަކުން އެހީތެރިވުމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑރ. މުޙަންމަދު ޖަމީލު އަޙްމަދު ގޮވާލައްވައިފިއެވެ.

އިއްޔެ ކ. މާފުށީ ޖަލުގައި ޑީި.ޕީ.އާރު.އެސްގެ ކޯޕަރޭޓިވްސްގެ ފަރާތުން ހުޅުވި ދެފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޖަމީލު ވިދާޅުވީ، ކުށްވެރިން އިޞްލާޙުކޮށް މުޖްތަމަޢަށް އަންނައިރު ރަނގަޅު ބަޔަކަށް ހެދުމަށް ކުރެވޭ މަސައްކަތަކީ ހަމައެކަނި ސަރުކާރުން ކުރެވޭކަމެއް ނޫންކަމެވެ.

"އެއްފަރާތްތަކަށް ވުރެ ގިނަ ފަރާތްތަކުން އެހީތެރިވާން އެބަޖެހޭ. ކޮންމެ ކަމަކީ ހަމައެކަނި ސަރުކާރުގެ ޕްރޮގްރާމްގެ ތެރެއަށް ދޫކޮށްލެވޭ ވަރުގެ ކަންތައްތަކެއް ނޫން" ޑރ. ޖަމީލް ވިދާޅުވިއެވެ.

ރާއްޖޭގެ މުޖްތަމަޢުގެ ހެވަށްޓަކައި ޖަލަށްގެންދާ ގައިދީންނަކީ ހެޔޮގޮތުގައި މަންފާހުރި ލާބަހުރި ބަޔަކަށް ހަދައިގެން ނެރެވޭނެ ނިޒާމަކީ ވަކި މީހަކަށް ބަރޯސާވެފައި އޮންނަންޖެހޭނެ ނިޒާމެއް ނޫންކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

"އެފަދަ ހުރިހާ ކަމަކުން އެއްކިބާވެ ވަކިއުސޫލަކާއި ހަމައެއްގެ މަތިން ގައިދީންނަށާއި އަދި ޕްރިޒަން އޮފިސަރުންނަށް ފުރުޞަތު ލިބިގެންދާނެ ނިޒާމެއް ރާއްޖޭގައި ތަޢާރަފްކުރެވިގެން އަދި މިދިޔައީ، އަޅުގަނޑު އުއްމީދުކުރަނީ މިނިޒާމްގެ ސަބަބުން ކުރިއަށްއޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ފުރިހަމަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް" ޑރ. ޖަމީލު ވިދާޅުވިއެވެ.