ޤާނޫނު ތަންފީޒުކުރުމުގައި ނަތީޖާ ނެރެވިއްޖެ ކަމަށް ހޯމްމިނިސްޓަރ ވިދާޅުވެއްޖެ.

ު ތަންފީޒު ކުރުމުގެ ދާއިރާ އިން އެއްވެސް ސަރުކާރަކަށް ނުކުރެވޭހާ ގިނަ މަސައްކަތް ވޭތުވެދިޔަ އަހަރުކުރެވިފައިވާ ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑރ. މުޙަންމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހޯމް މިނިސްޓްރީގެ ފަރާތުން ވެލާނާގޭ 2 ވަނަ ފަންގިފިލާގައި މިއަދު ބޭއްވި ނޫސްވެރިންނަށް މަޢުލޫމާތު ދިނުމުގެ ޚާއްޞަ ބައްދަލުވުމެއްގައެވެ.

މިނިސްޓަރ ޖަމީލުގެ ވާހަކަފުޅުގައި އަޅުގަނޑުމެން މިދެކޭ މާހައުލުގައި ވަރަށް ގިނަ ކުށްތަކެއް އިތުރުވެގެން ގޮސްފައިވުމާ އެކު ވެސް އަމަން ގާއިމް ކުރުމުގައި ރާއްޖޭގެ ރައްޔިތުންނަށް އަމާން މާޙައުލެއް ހޯދައިދިނުމުގައި ބޮޑެތި ކާމިޔާބީތަކެއް ވަނީ ހާޞިލް ކުރެވިފައި ކަމަށާއި މިކާމިޔާބީ ޙާޞިލު ކުރުމުގެ ތެރޭގައި މިއިން ޒަމާނަކު ވެސް ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ދިވެހި ރާއްޖޭގެ އަމަން ގާއިމުކުރުމަށް ޓަކައި ފުލުހުންގެ ހިދުމަތް ނުފޯރާ މިންވަރަށް މިހާރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދެވިފައިކަމާއި އަދި މިހާރު ވެސް އެޚިދުމަތް އިތުރު ހިސާބުތަކަށް ވާޞިލުކޮށްދިނުމަށް ޓަކައި މަސައްކަތް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި ރާއްޖޭގައި އަމާންކަން ގާއިމްކޮށް ރައްކާތެރި ވެއްޓެއްގައި ދިރިއުޅުމަށް ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް ޔަގީންކަން ދޭންޖެހޭ ކަމަށާއި އެކަމާ ގުޅުންހުރި ހުރިހާ މަސައްކަތްތަކެއް ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި ކެނޑިނޭޅި ކުރަމުން ގެންދިޔަ ކަމަށްވެސް މިނިސްޓަރ ޖަމީލު ވިދާޅުވިއެވެ.

މިނޫސްކޮންފަރެންސްގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒުގެ އިތުރުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ މުޙަންމަދާއި މިނިސްޓަރގެ ނައިބު މުޙަންމަދު ސަލީމާއި ޕާމަނަންޓް ސެކްރެޓަރީ މަރިޔަމް ވަޙީދާ އަދި ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހެބިލިޓޭޝަން ސަރވިސްގެ ފަރާތުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން ބައިވެރިވެވަޑައިގަތެވެ.