ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ޖަލްސާއެއް ބާއްވައިފި

މިއަހަރުގެ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، މާލޭގެ ސްކޫލްތައް ގުޅިގެން ބޭއްވުނު ޖަލްސާ 2 ރަބީޢުލްއާޚިރު 1434، 12 ފެބްރުއަރީ 2013 ވަނަ ދުވަހު ބޭއްވުނެވެ. މި ޖަލްސާ ބޭއްވުނީ ހެނދުނު 9:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލްގައެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވުނު މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އައްޝައިޚް މުޙަންމަދު ޝަހީމް ޢަލީ ސަޢީދެވެ. މި ޖަލްސާގައި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިންނާއި، އަދި އޮފީސްތަކުގެ އިސްބޭފުޅުންނާއި، ސްކޫލްތަކުގެ ގިނަ ޢަދަދެއްގެ ދަރިވަރުންނާއި، އަދި ޢާންމު ބައެއް ފަރާތްތަކުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ޖަލްސާގައި ކީރިތި ޤުރުއާން ކިޔެވީ ދަރުމަވަންތަ ސްކޫލްގެ ގްރޭޑް 10 އީ ގެ ދަރިވަރު ޙަސަން އަޙްޒަމް ޙުސައިނެވެ. އެއަށްފަހު ކިޔެވިދިޔަ އާޔަތްތަކުގެ މާނަކިޔައިދިނީ މަދަރުސަތުލް އަޙްމަދިއްޔާގެ ގްރޭޑް 9 އޭ ގެ ދަރިވަރު މަރިޔަމް އީމާއެވެ. މި ޖަލްސާގައި ދެ ދަރިވަރަކު ވާހަކަ ދެއްކިއެވެ. މިގޮތުން "ބަވަނަވަމުންދާ ދުނިޔެއެއްގައި އިސްލާމްދީނުގައިހުރި ގޮންޖެހުންތައް" މި މައުޟޫޢަށް ވާހަކަދެއްކީ ސީ.އެޗް.އެސް.ސީ.ގެ ގްރޭޑް 12 ގެ ދަރިވަރު ފާޠިމަތު ނަބާހާ އެވެ. އަދި "އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީން" މިމައުޟޫއަށް ވާހަކަ ދެއްކީ ކަލާފާނު ސްކޫލް ގްރޭޑް 10 ބީ ގެ ދަރިވަރު ޢާއިޝަތު ލަޔާލީ މުޙަންމަދެވެ. މި ޖަލްސާގައި ދެން އޮތީ ޝަރަފުވެރި މެހްމާން އައްޝައިޚް މުޙަންމަދު ޝަހީމް ޢަލީ ސަޢީދުގެ ވާހަކަފުޅު ދެއްކެވުމެވެ. އެމަނިކުފާނުގެ ވާހަކަފުޅަށްފަހު މަދަހައެއް ހުށަހެޅުން އޮތެވެ. މި މަދަހަ ހުށަހެޅީ އިސްކަންދަރު ސްކޫލްގެ ގްރޭޑް 9 އެފް 2 ގެ ދަރިވަރު މުޙަންމަދު ލަމްޢާން އެވެ. މި ޖަލްސާގައި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަ ދެއްކީ އަމީނިއްޔާ ސްކޫލްގެ ގްރޭޑް 9 އެސް 8 ގެ ދަރިވަރު ޢާއިޝަތު ޙަނާން ޙުސައިން ރަޝީދެވެ. އެއަށްފަހު ޖަލްސާ ނިމިގެން ދިޔައީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ކުރެވުނު ޚާއްޞަ ދުޢާ އަކުންނެވެ. މި ދުޢާކޮށްދެއްވީ ބިލަބޮން ހައި އީ.ޕީ.އެސް. އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 10 އޭ ގެ ދަރިވަރު މުޙަންމަދު މަޙުފޫޒެވެ.