ހޯމްމިނިސްޓްރީ ގެ ޑެޕިއުޓީ މިނިސްޓަރ ސްރީލަންކާ އަށް ރަސްމީތަދުރުފުޅެއް ކުރައްވައިފި

ކުށްކުރާ ކުޑަކުދިން ކުށުގެ މާޙައުލުން ސަލާމަތްކޮށް، އެކުދިންނަށް އެކަށޭނަ ތަރުބިއްޔަތާއި ތަމްރީނުދީ، އެކުދިންނަކީ ގާނޫނަށް އިޙްތިރާމްކުރާ، އަދި އިޖުތިމާޢީ އަގުތަކަށް އިޙްތިރާމްކުރާބަޔަކަށް ހަދައިދިނުމަށް، މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެެ ދަށުން ހިނގަމުންދާ ޖުވެނައިލް ޖަސްޓިސް ޔުނިޓުން ހިންގާ ޕްރޮގްރާމްތަކަށް ބޭނުންވާ ބޭރުގެ ފަންނީ އެހީތެރިކަން ހޯދުމަށް، ކަމާބެހޭ ބައެއް ގައުމުތަކުގެ ސަފީރުންނާއި ބައްދަލުކުރެއްވުމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒްގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް މުޙަންމަދު ސަލީމް، މިދިޔަ ހަފްތާގައި ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ، ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށް، މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ހާމަކުރައްވައިފި އެވެ.

ހޯމްމިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، ސަލީމް، ސްރީލަންކާއަށް ކުރެއްވި މި ދަތުރުފުޅުގައި، ކުއްކުރާ ކުޑަކުދިން، އަނބުރާ މުޖުތަމަޢަށް ގެނައުމަށް އެކަށީގެންވާ ކާމިޔާބުކަމާއެކު މަސައްކަތްކުރަމުންގެންދާ ބައެއް ގައުމުތަކުގެ ސަފިރުންނާ ބައްދަލުކުރައްވައި، ރާއްޖޭގެ ޙާލަތާއި އަދި އެ ޙާލަތު ބަދަލުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި، އެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް އޮތް ގޮންޖެހުންތަކާއި، އެކަންކަމަށް ރަހުމަތްތެރި ގައުމުތަކުން ބޭނުންވާ ފަންނީ އެހީތެރިކަމާބެހޭ މަޢުލޫމާތު، ސަފީރުންނާއެކު ވަނީ ހިއްސާކުރައްވާފައެވެ. އަދި މިކަމާއެބޭގޮތުން ޖުވެނައިލް ޖަސްޓިސް ޔުނިޓުން ތައްޔާރުކޮށްފައިވާ، ރެސްޓޮރޭޓިވް ޖަސްޓިސް އާއި ޖުވެނައިލް އޮފެންޑާސް އާއި، ކުޑަކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށް ހިންގާ ޕްރޮގްރާމްގެ ތަޖުރިބާ އާއިބެހޭ ރިޕޯޓެއް ، ތައިލޭންޑާ، ޤަތަރާ، ޔޫ.އޭ.އީ އާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނަށް އެރުއްވިއެވެ. އަދި އެ ގައުމުތަކުގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ރާއްޖެއަށް ދެއްވާނެކަމަށް، މިދެންނެވި ގައުމުތަކުން ރާއްޖެއަށް ހާމަކުރައްވާފައިވާކަމަށްވެސް ހޯމް މިނިސްޓްރީން ހާމަކުރެއްވިއެވެ.

މިނިސްޓްރީ އޮފް ހޯމްއެފެއަރޒްގެ ޑެފިއުޓީ މިނިސްޓަރ މުހަންމަދު ސަލީމް، ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި، ސްރީލަންކާގެ މިނިސްޓަރ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް ހޯމް އެފެއަރޒް އޮނަރަބަލް ސެނެވި ރަތުނެ އާއިވެސް ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެގައުމުގެ ދެމެދުގައި މަޝްވަރާކުރެވެމުންދާ ޓްރިޓީ އޮން ލީގަލް މިއުޗުއަލް އެސިސްޓެންސް އޮން ކްރިމިނަލް މެޓާސް އާއިބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅުގައި، މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޑރ. މުޙަންމަދު ޖަމީލް އަޙްމަދުގެ ސިޓީފުޅެއް، މި ގައުމުތަކުގެ ސަފީރުންނަށް ވަނީ އަރުވާފައެވެ.

އަލްފާޟިލް މުޙަންމަދު ސަލިމް، ސްރިލަންކާއަށް ކުރެއްވި މި ދަތުރުފުޅުގައި، އެމަނިކުފާނާއެކު، ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ އެގްޒެކެޓިވް ޑިރެކްޓަރ އަލްފާޟިލް ޙާމިދު ޔޫސުފްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.