ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކުގައި ޤައުމީ ދުވަހުގެ ޝިޢާރު ބޭނުންކުރައްވާގޮތަށް ހަމަޖައްސަވައިފި

2013 ޖެނުއަރީ 15 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ލިޔުންތަކުގައި އެކިއެކި ޝިއާރު ބޭނުންކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު ގޮތްތަކެއް ކަނޑައެޅުއްވިއެވެ.

މިގޮތުން 1434 ވަނަ އަހަރުގެ ޤައުމީ ދުވަހުން ފެށިގެން ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި، ސަރުކާރުގެ ރަސްމީ ސިޓީތަކާއި، އެކިއެކި ލިޔުންތަކުގައި ބޭނުންކުރުމަށް ޝިޢާރެއް ކަނޑަ އެޅުއްވިއެވެ. މިއަހަރުގެ ޤައުމީ ދުވަހުގެ ޝިޢާރަކީ "އަމާންވެށި – ޤައުމުގެ ކުރިއެރުން" މިޝިޢާރެވެ.

ދައުލަތުގެ ބަޖެޓުގެ ޚަރަދުތައް ކުޑަކުރައްވަން ޖެހިވަޑައިގެންނެވުމާއެކު ބަޖެޓުން އެއްވެސް ޚަރަދެއް ނުހިގާގޮތަށް މިޝިޢާރު ބޭނުންކުރައްވަމުން ގެންދެވުމަށާއި 1 ރަބީޢުލްއައްވަލް 1434 (13 ޖަނަވަރީ 2013) މިދުވަހުން ފެށިގެން ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ރަސްމީ ސިޓީއާއި އެކިއެކި ލިޔުންތަކުގައި މިޝިޢާރު ބޭނުންކުރުމަށްވެސް ވަނީ ނިންމަވާފައެވެ.

މިއަހަރުގެ ޤައުމީ ދުވަހުގެ ޝިޢާރު

"އަމާންވެށި -ޤައުމުގެ ކުރިއެރުން"

“Safe Community – Nation’s Development”