ޖަމްޢިއްޔާތަކުގެ ގަވާއިދުގެ ދަށުން ކްލަބް ޖަމްއިއްޔާ ހިނގި ގޮތުގެ އަހަރީ ރިޕޯޓާއި އަހަރީ ހިސާބުގައި ހިމަނާނެ ބައިތައް ޖަމްޢިއްޔާ ސެކްޝަނުން ހާމަކޮށްފި

ކްލަބް ޖަމްޢިއްޔާތަކުގެ ގަވާއިދުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ކޮންމެ ޖަމްޢިއްޔާއަކުންވެސް ކޮންމެ އަހަރެއްގެ މާޗްމަހުގެ ކުރިން އެޖަމްޢިއްޔާއެއް ހިނގިގޮތާއި އެޖަމްޢިއްޔާގެ މަސައްކަތުގެ އަހަރީ ރިޕޯޓާއި ނިމިދިޔަ އަހަރުގެ އަހަރީ ހިސާބުގައި ހިމަނާނެ ބައިތައް ހޯމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ހޯމްމިނިސްޓްރީގެ ޖަމްޢިއްޔާތަކާބެހޭ ސެކްޝަނުން މިކަން ހާމަކުރީ 17 ޖަނަވަރީ 2103 ގައި ޢާންމުކުރި އިޢުލާނަކުންނެވެ.

ކްލަބް ޖަމްޢިއްޔާތަކުގެ ހިންގާ ގަވާއިދުގައިވާ ގޮތަށް ރިޕޯޓް ތައްޔާރުކޮށް އަހަރީ އާންމު ޖަލްސާއިން ފާސްކުރުމަށްފަހު އެޖަލްސާ ބާއްވާތާ 30 ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ހުށަހެޅުމަށެވެ. މިއިޢުލާންގައި ބަޔާންކޮށްފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ޖަމްޢިއްޔާގެ ނަމާއި އިދާރާއަށް ގެނެވުނު ބަދަލު، ހިންގާ ކޮމިޓީގެ ޖަލްސާ ބޭއްވުނު އަދަދު، ހިންގާ ގަވާއިދަށް ގެނެވުނު ބަދަލު، ޖަލްސާގައި ފާސްކުރެވުނު މުހިންމު ކަންތައްތަކާއި، ޖަމްއިއްޔާއަށް އަލަށް ވަންނަ މެންބަރުންގެ އަދަދު، ފައިސާ ލިބުނުގޮތްތަކާއި ލިބުނު މިންވަރު، ފައިސާއިން ކުރެވުނު ކަންކަމާއި ޚަރަދު އަދިކުރިއަށް އޮތް އަހަރަށް ރާވާފައިވާ ކަންތައްތައް ވެސް ހިމެނެއެވެ.

މިމިނިސްޓްރީގެ ވެބްސައިޓު www.homeaffairs.gov.mv ން ޖަމްޢިއްޔާތަކުގެ އަހަރީ ރިޕޯޓް ތައްޔާރުކުރާނެ ގޮތުގެ ނަމޫނާ ލިބެން ހުންނާނެއެވެ.

އެއިޢުލާންގައި ބަޔާންކޮށްފައިވަނީ ޤާނޫނު ނަމްބަރ 2003/1 (ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ޖަމްޢިއްޔާ ރަޖިސްޓްރީވާ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ހިންގާ ކޮމިޓީ އިންތިޚާބްކޮށް މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ހުށަހަޅާފައި ނުވާ ޖަމްޢިއްޔާތަކާއި، ހިންގާ ކޮމިޓީގެ ދައުރު ހަމަވުމުން އައު ދައުރަކަށް އިންތިޚާބްކޮށް 30 ދުވަހުގެ ތެރޭގައި ހުށަހަޅުއްވާފައި ނުވާ ޖަމްއިއްޔާތަކާއި ހިންގާ ކޮމިޓީއަށް އަންނަ ބަދަލުތަކާއި، ގެނެވޭ ބަދަލުތައް، އެބަދަލުތައް އަންނަ ނުވަތަ ގެނެވޭ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހުށަހަޅުއްވާފައި ނުވާނަމަ ޖަމްޢިއްޔާތަކުގެ ހިންގާ ކޮމިޓީވެސް ބަލައިގެނެވޭނީ 500 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައި ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.