ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގައި މިހާތަނަށް 35 ކުދިން އަނބުރާ މުޖްތަމަޢަށް ގެނެވިއްޖެ

ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގައި، ކުޑަކުދިން އަނބުރާ މުޖްތަމަޢަށް ގެނައުމުގެ ޕްރޮގްރާމްތަކުގައި 42 ކުއްޖަކު ބައިވެރިވެ، 35 ކުއްޖަކު މުޖްތަމަޢުއަށް އަނބުރާ ގެނެވިފައިވާ ކަމަށް އެޔުނިޓުން ހާމަކޮށްފިއެވެ.

މުޖްތަމައަށް ކުޑަކުދިން އަނބުރާ ގެނައުމުގައި އާއިލީ ވެށީގައި ބަހައްޓައިގެން ކުއްޖާއަށް ބޭނުންވާ ނަފްސާނީ އިޖްތިމާއީ އެހީތެރިކަންވަނީ ފޯރުކޮށްދީފައެވެ. އަދި ޢާއިލީ ވެށީގައި ބަހައްޓައިގެން އެދެވޭ ހެޔޮބަދަލު ނާންނަ ކުދިން މުޖްތަމަޢުން އެކަހެރިކުރަންޖެހޭ ޙާލަތްތަކުގައި ކަނޑައެޅޭ މުއްދަތުގެ ތެރޭގައި ކ. ފޭދޫފިނޮޅު ކަރެކްޝަނަލް ޓްރެއިނިންގ ސެންޓަރުގައި ބަހައްޓައިގެން މުޖްތަމަޢަށް އަނބުރާ ގެނައުމަށްޓަކައި ތަފާތު ޕްރޮގްރާމްތައް ހިންގާފައިވެއެވެ.

މިކުދިން މުޖްތަމަޢުއަށް އަނބުރާ އައުމުން ވަޒީފާއެއް އަދާކުރުމުގެ ފުރުޞަތު ލިބުން ދަތިވުމަކީ އާދައިގެ މީހުންގެ ގޮތުގައި އެކުދިން މުޖްތަމަޢަށް ހޭނުމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށްވެސް އެޔުނިޓުން ބުނެއެވެ.

މިއަހަރު މިހާތަނަށް 11 ކުދިން ކަރެކްޝަނަލް ޓްރެއިނިންގ ސެންޓަރަށް ފޮނުވިފައިވެއެވެ. މިކުދިން ސެންޓަރަށް ފޮނުވަނީ "އިޞްލާޙުކުރުމަށްޓަކައި ކުޑަކުދިިން މުޖްތަމަޢުން އެކަހެރިކުރުމާ ބެހޭ ގަވާއިދު" ގެ ދަށުން ޖުވެނައިލް ޖަސްޓިސް ކޯޑިނޭޝަން ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ކަރެކްޝަނަލް ސެންޓަރަށް ފޮނުވާ ކުދިންގެ ތެރެއިން، މުޖްތަމަޢަށް އަނބުރާ ގެނެވޭ ކުދިން މޮނިޓަރކޮށް ބެލެހެއްޓުމުގެ މަސައްކަތް މާލޭގައި ނަމަ، ޖުވެނައިލް ޖަސްޓިސް ޔުނިޓުން އަދި އަތޮޅުތަކުގައި ނަމަ، ފެމިލީ އެންޑް ޗިލްޑްރެންސް ސަރވިސް ސެންޓަރތަކުގެ އެހީގައި ކުރެވެމުން ދެއެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓު މިވަގުތު ހިނގަމުންދަނީ ހޯމްމިނިސްޓްރީ ހިނގަމުންދާ ވެލާނާގޭގެ 10 ވަނަ ފަންގިލާގައެވެ.