ޖުވެނައިލް ޖަސްޓިސް ޓްރޭނިންގ ޕްރޮގްރާމްގެ 8 ވަނަ ބުރު ފެށިއްޖެ

ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ޕްރޮގްރާމްގެ 8 ވަނަ ބުރު ކ. ތުލުސްދޫގައި ފެށިއްޖެއެވެ. މިޓްރޭނިންގ ޕްރޮގްރާމްގައި ކ. އަދި ވ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުންނާއި މެޖިސްޓްރޭޓު ކޯޓުތަކުންނާއި ފެމިލީ އެންޑް ޗިލްޑްރެންސް ސަރވިސް ސެންޓަރުތަކުންނާއި ޖުވެނައިލް ކޯޓުންނާއި މުޅިއެކު 30 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ. މިމަހުގެ 8 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ މިޕްރޮގްރާމްގެ މަޤްޞަދަކީ ރެސްޓްރެޓިވް ޖަސްޓިސް ތިޔަރީގެ އަލީގައި ކުށްކުރާ ކުދިން އަނބުރާ މުޖްތަމައަށް ގެނައުމުގެ މަޢުލޫމާތާއި ހުނަރު އަންގައިދީ، ކުޑަކުދިން އަދުލުގެ ނިޒާމަށް އަހުލުވެރިކުރުވުމެވެ.

މިޓްރޭނިންގ ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާނީ ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޖުވެނައިލް ކޯޓުގެ ކަމާބެހޭ ތަޖްރިބާކާރު ބޭފުޅުންނެވެ.

ޖުވެނައިލް ޖަސްޓިސް ޓްރޭނިންގ ޕްރޮގްރާމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޖުވެނައިލް ޖަސްޓިސް ޔުނިޓާއި އަދި އދ. ކުޑަކުދިންނާ ބެހޭ ޖަމްޢިއްޔާ (ޔުނިސެފް) އާ ގުޅިގެން މިއަހަރު މިހާތަނަށް ހިންގާ 8 ވަނަ ޕްރޮގްރާމެވެ. މިޕްރޮގްރާމްގައި މިއަހަރުގެ މިހާތަނަށް 250 މީހުންވަނީ ތަމްރީނުކުރެވިފައެވެ.