ހޯމްމިނިސްޓަރ ޑރ. މުހައްމަދު ޖަމީލު އަޙުމަދު ސިންގަޕޫރަށް ފުރާވަޑައިގެންފި

މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑރ. މުޙަންމަދު ޖަމީލު އަޙްމަދު ސިންގަޕޫރަށް ފުރާ ވަޑައިގެންފިއެވެ.

މިމަހުގެ 17 ން 20 ގެ ނިޔަލަށް ކުރައްވާ މިދަތުރުފުޅުގެ މަޤްޞަދަކީ ސިންގަޕޫރުގެ ޖަލުތަކުގެ ނިޒާމް މެނޭޖްކުރާ ގޮތާއި ޕެރޯލް ޕްރޮގްރާމްގެ ތަޖްރިބާ ރާއްޖެއާއި ހިއްސާކުރުމެވެ. އަދި މީގެއިތުރުން ދިވެހި ފުލުހުންނަށް ބޭނުންވާނެ ތަމްރީނުތައް ސިންގަޕޫރުގެ ފުލުހުންނާ ގުޅިގެން ލިބޭނެގޮތް ހޯދުމެވެ. ސިންގަޕޫރުގެ އިންޓަޕޯލް އޮފިސަރުންނާ ގުޅިގެން ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވޭ ޙަރަކާތްތަކެއް ކޯޑިނޭޓްކުރުމާއި އަދި މިޙަރަކާތްތައް ދެފަރާތް ގުޅިގެން ކުރިއަށް ގެންދާނެ ގޮތާއި ބެހޭގޮތުން މަޝްވަރާކުރުންވެސް މިދަތުރުފުޅުގައި ހިމެނެއެވެ.

މިދަތުރުފުޅުގައި ސިންގަޕޫރުގެ ސިވިކް އެޑިޔުކޭޝަން ޕްރޮގްރާމް ހިނގަމުންދާގޮތާއި އަދި ރާއްޖޭގައި މިހާރު ހިންގަމުންގެންދާ މިޕްރޮގްރާމަށް ޓެކްނިކަލް އެހީ ލިބޭނެގޮތް ހަމަޖެއްސެވޭތޯވެސް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެއެވެ.

މިނިސްޓަރ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރ ޙުސައިން މަނިކު ދޮންމަނިކާއި ސްޓޭޓް މިނިސްޓަރ މުޙަންމަދު ފަޔާޒުއެވެ.