ސާރކް ޤައުމުތަކުގެ ދާޚިލީ ވަޒީރުންގެ 5 ވަނަ ބައްދަލުވުން ރަސްމީކޮށް އިފްތިތާހްކޮށްފި

ސާރކް ޤައުމުތަކުގެ ދާޚިލީ ވަޒީރުންގެ 5 ވަނަ ކޮންފަރެންސް ރަސްމީކޮށް ރާއްޖޭގައި މިއަދު އިފްތިތާހްކޮށްފިއެވެ.

ސާރކްގެ 8 ޤައުމަކުން 65 މަންދޫބުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުން ރަސްމީކޮށް އިފްތިތާހު ކުރުން އޮތީ މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރިސޯޓް އެންޑް ސްޕާ ގައެވެ. މި ކޮންފަރެންސް އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް އޮނަރަބްލް މުޙައްމަދު ވަހީދުއްދީން އެވެ. މި ކޮންފަރެންސް ފައްޓަވާ ދެއްވުމުގެ ގޮތުން ނާއިބް ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ރައްޔިތުންނަކީ ޒަމާންތަކެއް ވަންދެން އެއް ޢާއިލާއެއްގެ ގޮތަށް އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ދިރިއުޅެމުން ގޮސްފައިވާ ބައެއް ކަމަށާއި ސިޔާސީ ތަފާތުތަކާއިހުރެ އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުން އުފެދުނަ ދީގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ވިދާޅުވީ އަދުގެ ދުނިޔޭގައި ދިމާވާ ހުރިހާ ގޮންޖެހުންތަކާއި ކުރިމަތިލައި އަމަން އަމާންކަން ދެމެހެއްޓުމަށްޓަކައި ޤައުމުތަކުގެ މެދުގައި ދާޚިލީ އަދި ޚާރިޖީ ގުޅުން ބަދަހިކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައެވެ.

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ، ކަނޑުފޭރުމާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި، ހިއުމަން ޓްރެފިކިންގއާއި، ޓެރަރިޒަމް ފަދަ މައްސަލަތަކާގުޅޭގޮތުން މިބައްދަލުވުމުގައި މަޝްވަރާކުރެވި، އެކަންކަމަށް ޙައްލު ހޯދޭނެ ކަމުގައި އުންމީދުކުރައްވާ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސާރކް ސެކްރެޓަރީ ޖެނެރެލް އަލްފާޟިލް އަޙުމަދު ސަލީމް އާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޑރ. މުޙައްމަދު ޖަމީލްވެސް ވާހަކަފުޅު ދެއްކެވިއެވެ.

ބަނޑޮސް އައިލެންޑް ރިސޯޓުގައި އިއްޔެ ކުރިއަށް ދިޔަ މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ޓެރެރިޒަމް ނައްތާލުމަށް ޤައުމުތަކުން އެއްބާރުލުން ދިނުމަށާއި ސާރކް ކޮންވެންޝަން އޮން ނާކޮޓިކްސް ޑްރަގްސް އެންޑް ސައިކޮޓްރޮޕިކް ސަބްސްޓެންސަސް އާއިބެހޭ ކޮންވެންޝަނަށް އަމަލުކުރުމުގައި މިހާރަށް ވުރެ ހަރުދަނާ ގޮތްތަކެއް ޤާއިމުކުރުމާބެހޭ ގޮތުންނެވެ. މީގެ އިތުރުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުނު 5 ވަނަ ސާރކް އިމިގްރޭޝަން ބައްދަލުވުމުގެ ރިޕޯޓަށް ޢަމަލުކުރުމަށްވެސް އިއްޔެގެ ކޮންފަރެންސްގައި ނިންމާފައިވެއެވެ.