ސާކް އިންޓީރިއާ ހޯމް ސެކްރެޓަރީޒް 5 ވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ސައުތު އޭޝިއާގެ ޤައުމުތަކުގެ އިންޓީރިއާ ހޯމް ސެކްރެޓަރީޒްގެ 5 ވަނަ ބައްދަލުވުން ރާއްޖޭގައި މިއަދު ބާއްވައިފިއެވެ. ބަންޑޮސް އައިލެންޑް ރިސޯޓްގެ އޯކިޑް މާލަމުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ސާކްގައި ހިމެނޭ މެމްބަރު 8 ޤައުމުން 53 މަންދޫބަކު ވަނީ ބައިވެރިވެފައެވެ. ސާކްގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ސަލީމް ފައްޓަވައި ދެއްވި މި ބައްދަލުވުމުގެ ރިޔާސަތު ބެލެއްހެއްޓެވީ މިނިސްޓަރ އޮފް ހޯމްއެފެއާޒުގެ ޕާމަނަންޓް ސެކްރެޓަރީ މަރިޔަމް ވަހީދާއެވެ.

މި ބައްދަލުވުމުގައި މެމްބަރު ޤައުމުތަކުން ބައިވެރިވި މަންދޫބުން ވަނީ މިދިޔަ 2011 ވަނަ އަހަރު ބޫޓާންގެ ވެރިރަށް ތިންޕޫގައި ބޭއްވި ސާކް އިންޓީރިއާ ހޯމް ސެކްރެޓަރީޒްގެ 4 ވަނަ ބައްދަލުވުމުގެ ނިންމުންތަކަށް

ޢަމަލު ކުރެވިފައިވާ މިންވަރު ދެނެގަނެ، މިއަހަރުގެ މެއިމަހު އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ސާކް ކޮންފަރެންސް އޮން ކޯޕަރޭޝަން އޮން ޕޮލިސް މެޓަރސްގެ 10 ވަނަ ބައްދަލުވުމުގެ ރިޕޯޓާއި ބެހޭގޮތުން މަޝްވަރާކޮށްފައެވެ. މީގެއިތުރުން ސަޕްރެޝަން އޮފް ޓެރަރިޒަމްއާއި ބެހޭގޮތުންނާއި ނާކޮޓިކްސް ޑްރަގްސް އެންޑް ސައިކޮޓްރޮފިކް ސަބްސްޓެންސަސް އާއި ސާކުގެ ކޮންވެންޝަންއަށް ޢަމަލުކުރުމުގައި މިހާރަށްވުރެ ހަރުދަނާ ގޮތް ޤާއިމްކުރުމާއި ހިއުމަން ޓްރެފިިކިންގއާއި ޑްރަގްސްއާއި ގުޅޭގޮތުން މަޝްވަރާކޮށް، ކޮރަޕްޝަން  ނައްތާލުމަށް މެމްބަރު ޤައުމުތަކުގައި ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން ވަނީ މަޢުލޫމާތު ހިއްސާކުރުމަށް ނިންމާފައެވެ. މިއަދުގެ މި ބައްދަލުވުމަށް ރާއްޖޭގެ ފަރާތުން ސައިބަރ ކްރައިމްއާއި ބެހޭގޮތުން ވަނީ ކަރުދާހެއް ހުށަހަޅާފައެވެ. ރާއްޖެއިން މިއަދު ހުށަހެޅި މި ކަރުދާހުގައި ދެކުނު އޭޝިއާ ސަރަހައްދުގައި ސައިބަރ ކްރައިމް ފެތުރިފައިވާ މިންވަރުގެ މައްޗަށާއި މި ސަރަހައްދުގައި ސައިބަރ ކްރައިމްގެ މަޢުލޫމާތު ޙިއްސާކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަށާއި މިކަމާއި ގުޅޭގޮތުން އިތުރު ބައްދަލުވުމެއް ބޭއްވުމުގެ ހުށަހެޅުންތަކެއް މި ކަރުދާހުގައިވަނީ ފާހަގަކޮށްފައެވެ.