މިނިސްޓަރ އޮފް ހޯމް އެފެއަރޒް ސާރކް ބައެއް ޤައުމުތަކުގެ ހޯމް މިނިސްޓަރުންނާއި ބައްދަލުކުރައްވައިފި

ސާރކް ޤައުމުތަކުގެ ހޯމް މިނިސްޓަރުންގެ ބައްދަލުވުމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ބައެއް ޤައުމުތަކުގެ ހޯމް މިނިސްޓަރުންނާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު ބައްދަލުކުރައްވައިފިއެވެ. ޕެރެޑައިސް އައިލެންޑް ރިސޯޓްގައާއި ބަންޑޮސް އައިލެން ރިސޯޓްގައި ވަކިވަކިން ކުރިއަށް ގެންދިޔަ މި ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ މިއަދު އެވެ. އެގޮތުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ފުރަތަމަ ބައްދަލުކުރައްވާފައިވަނީ ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރ ރަޙްމާން މާލިކާއެވެ. މިއަދު ހެނދުނު ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް ވަނީ ސިޔާސީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ދަތިތަކާއި ރާއްޖޭގެ މިހާރުގެ ހާލަތާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ޕާކިސްތާނުން ރާއްޖެއަށް ވެދުމުންދާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައި ޕާކިސްތާނުން ރެާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާއި ބެހޭގޮތުންވެސް މިނިސްޓަރގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުވުމުގައި ޕާކިސްތާންގެ ހޯމް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭން ބޭނުންވި ކޮންމެ ދާއިރާއަކުންވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް ޕާކިސްތާން ތައްޔާރަށް އޮތްކަމަށާއި ރާއްޖޭގެ އެއަރޕޯޓްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށްޓަކައި ބަޔޯމެޓްރިކް ސިސްޓަމެއްގެ މުހިއްމު ކަމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި ރާއްޖޭގެ ފުލުހުންނާއި ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް، ޒަމާނީ ޖަލެއް އެޅުމުގައި ޕާކިސްތާން އެހީތެރިވެދޭކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމަށްފަހު މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު ވަނީ އިންޑިޔާގެ ހޯމް މިނިސްޓަރ ސުޝިލް ކުމާރު އާއި މިއަދު މެންދުރުގެ ވަގުތެއްގައި ބައްދަލުކުރައްވާފައެވެ.

ބަންޑޮސް އައިލެންޑް ރިސޯޓްގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ވަނީ ރާއްޖޭގެ ފުލުހުން ޚިދުމަތް ތަަރައްޤީ ކުރުމާއި ބެހޭގޮތުންނާއި ޖަލު ހަރުދަނާކުރުމާއި ބެހޭގޮތުންނާއި ޓެރަރިޒަމްގެ މައްސަލަތަކާއި ދެކޮޅަށް މައްސަކަތްކުރުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. މި ދެ ބައްދަލުވުމުގެ އިތުރުން މިނިސްޓަރ ހޯމް އެފެއަރޒް ވަނީ ބަންގްލަދޭޝްއާއި ބޫޓާންގެ އިތުރުން ސްރީލަންކާގެ ހޯމް މިނިސްޓަރާއި ބައްދަލުކުރައްވާފައެވެ.