ސާކްގެ ޤައުމުތަކުގެ ދާޚިލީ ވަޒީރުންގެ 5 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ޕާކިސްތާނާއި އިންޑިޔާގެ ދާޚިލީ ވަޒީރުން ރާއްޖެ ވަޑައިގެންފި

ބަނޑޮސް އައިލެންޑް ރެސޯޓްގައި މިހާރު ކުރިޔަށްދާ ސާކްގެ ޤައުމުތަކުގެ ދާޚިލީ ވަޒީރުންގެ 5 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި ޕާކިސްތާނާއި އިންޑިޔާގެ ދާޚިލީ ވަޒީރުން ރާއްޖެ ވަޑައިގެންފިއެވެ.

މިމަހުގެ 24 ން 26 ށް ކުރިޔަށްދާ ސާކްގެ ޤައުމުތަކުގެ ދާޚިލީ ވަޒީރުންގެ 5 ވަނަ ބައްދަލުވުމާއެކު އެއާގުޅިފައިވާ އެހެން ދެބައްދަލުވުމެއްވެސް ކުރިޔަށް ދެއެވެ. މީގެތެރެއިން ސާކްގެ ދާޚިލީ ވަޒީރުން ބައިވެރިވެވަޑައިގަންނަވާނީ ދާޚިލީ ވަޒީރުންގެ ބައްދަލުވުމުގައެވެ. ދާޚިލީ ވަޒީރުންގެ ބައްދަލުވުން އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވި އިންޑިޔާގެ ދާޚިލީ ވަޒީރު ސުޝިލް ކުމާރު ޝިންޑޭއާއި ޕާކިސްތާނުގެ ދާޚިލީ ވަޒީރު ރަޙްމާން މާލިކަށް ހުޅުލޭ އެއަރޕޯޓުން މަރްޙަބާ ދެންނެވީ ރާއްޖޭގެ ދާޚިލީ ވަޒީރު ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދާއި މިމިނިސްޓްރީގެ އިސްވެރިންނާއި މިނިސްޓްރީ އޮފް ފޮރިންއެފެއާޒްގެ ބައެއް ބޭފުޅުންނެވެ. މިދެބޭފުޅުން މާލެވަޑައިގެންނެވީ ވަކިވަކިންނެވެ.

މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ބަންގްލަދޭޝްގެ ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އާއި އަފްޣާނިސްތާނުގެ ދާޚިލީ ވަޒީރުގެ ނައިބުވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ. ސްރީލަންކާގެ ދާޚިލީ ވަޒީރު ޑަބްލިޔު ޑީ ޖޭ ސްނެވިރަޓްނާ މިއަދުގެ ވަގުތެއްގައި މާލެވަޑައިގަންނަވާނެއެވެ.

ސާކްގެ ޤައުމުތަކުގެ ދާޚިލީ ވަޒީރުންގެ 5 ވަނަ ބައްދަލުވުމުގައި ހިމެނެނީ ސާކްގެ ދާޚިލީ ވަޒީރުންގެ ބައްދަލުވުމުގެ އިތުރުން ސާކް އިމިގްރޭޝަން ކޮންޓްރޯލަރުންގެ ބައްދަލުވުމާއި ސާކް ހޯމް/އިންޓީރިޔާ ސެކްރެޓަރީންގެ ބައްދަލުވުމެވެ. މީގެތެރެއިން އިމިގްރޭޝަން ކޮންޓްރޯލަރުންގެ ބައްދަލުވުން މިހަރުވަނީ ބޭއްވިފައެވެ.

ކޮންޓްރޯލަރުންގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ރާއްޖޭގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޑޮކްޓަރ މުޙައްމަދު ޢަލީއެވެ. މިއަދު ކުރިޔަށްދަނީ ސާކް ހޯމް/އިންޓީރިޔާ ސެކްރެޓަރީންގެ ބައްދަލުވުމެވެ. މިބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަނީ މިމިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަލްފާޟިލާ މަރްޔަމް ވަޙީދާއެވެ. މިބައްދަލުވުންތަކުގެ ތެރޭގައި ހިމެނޭ ސާކްގެ ދާޚިލީ ވަޒީރުންގެ ބައްދަލުވުން ފެށޭނީ މާދަމާއެވެ. ދާޚިލީ ވަޒީރުންގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާނި ރާއްޖޭގެ ދާޚިލީ ވަޒީރު ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދެވެ.