ރަށު ކައުންސިލްތައް އެއްވިއުގައަކުން ގުޅާލުމުގެ މަސައްކަތު އެއްބަސްވުުމުގައި ސޮއިކޮށްފި

ލޯކަލް ގަވަރުމެންޓް އޮތޯރިޓީއާއި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކޮނޮލްޖީ ގުޅިގެން ރަށު ކައުންސިލްތައް ކޮމްޕިއުޓަރު ވިއުގައަކުން ގުޅާލުމުގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީގައި ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް ސަރުކާރުގެ ހިދުމަތްތައް ރަށު ފެންވަރެއްގައި ފޯރުކޮށްދިނުމަށް މަގުފަހިކޮށް، ރަށު ފެންވަރުގައި ބެލެހެއްޓޭ މައުލޫމާތުތައް ސަރުކާރުގެ މުއައްސަސާތަކާ އެކު ހިއްސާ ކުރެވޭނެ މަގު ތަނަވަސް ކުރުމަށް ގައުމީ ކޮމްޕިއުޓާ ވިއުގައާއި ރަށު ކައުންސިލްތައް ގުޅާލުމުގެ އެއްބަސްވުމުގައި ދިރާގާއި އެލްޖީއޭ އާއި އެންސީއައިޓީ އާ ދެމެދު ސޮއިކުރީ އެންސީއައިޓީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ.  އެންސީއައިޓީގެ ފަރާތުން ކޮމިއުނިކޭޝަން މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދު ސޮއިކުރެއްވި އިރު ދިރާގުގެ ފަރާތުން ސޮއިކުރައްވީ އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދު އެވެ މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ މަޝްރޫއު ނިމުމާ އެކު ރާއްޖޭގެ 209 ކައުންސިލެއް އެއް ނިޒާމެއްގެ ތެރެއިން ގުޅިގެން ދާނެ ކަމަށާއި އޭރުން ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު މިހާރަށް ވުރެ އަވަސްވެގެން ދާނެ ކަމަށެވެ. އަދި މިނިޒާމުގެ އެންމެ މުހިންމު ބޭނުމަކީ، ސަރުކާރުން ރައްޔިތުންނާ ހަމައަށް ވާސިލްވެ ރައްޔިތުންނަށް ހިދުމަތް ދިނުންކަމަށެވެ. އަދި ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ކައުންސިލްތަކުން ވެސް ޖެހޭނީ މިނިޒާމު އައުމުން ފަސޭހަކޮށް ތަރުތީބުކޮށް ވީހާ ވެސް އަވަހަށް ރައްޔިތުންނަށް ފޯރުކޮށްދިނުންކަމުގައެވެ.