ހޯމް މިނިސްޓަރ ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ފ. ދ. އަދި ތ. އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައިފި

މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑރ. މުޙައްމަދު ޖަމީލު އަޙްމަދު މިއޯގަސްޓް މަހުގެ 2ން 5ށް ފ. ދ. އަދި ތ. އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައިފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅަކީ ލޯކަލް ގަވަރމަންޓްގެ ރައީސްގެ ހައިސިއްޔަތުންނާއި އަދި ހޯމް މިނިސްޓަރގެ ހައިސިއްޔަތުން ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު މިތިން އަތޮޅުގެ އަތޮޅު ކައުންސިލްތަކާއި ރަށުކައުންސިލްތަކާ އަދި އެރަށްރަށުގެ ކޮމިޓީތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވާ، އެރަށްރަށުގެ ރައްޔިތުންނަށް ދިމާވާ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި މީގެއިތުރުން އެރަށްރަށުގައި މަސައްކަތްކުރައްވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭފުޅުންނާވެސް ބައްދަލުކުރެއްވިއެވެ.

މިދަތުރުފުޅުގައި ވަޑައިގެންނެވި ރަށްތަކަކީ ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ދ. ބަނޑިދޫ، ދ. މާއެނބޫދޫ، ތ. ވޭމަންޑޫ، ތ. ގުރައިދޫ، ތ. ހިރިލަންދޫ އަދި ތ. ތިމަރަފުށްޓެވެ.

މިނިސްޓަރގެ އިތުރުން މިދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރ ޙުސައިން މަނިކު ދޮންމަނިކާއި ސްޓޭޓް މިނިސްޓަރ މުޙަންމަދު ފަޔާޒުއާއި އެގްޒެކެޓިވް ޑިރެކްޓަރ މުޙަންމަދު އާދަމާއި އިނިސްޕެކްޓަރ ޖެނެރަލް ހުސައިން ރަޝީދު ޔޫސުފެވެ. މީގެ އިތުރުން ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙަންމަދު އަޙްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.