މަރަށް މަރު ހިފުމާ މެދު ގޮތެއް ކަނޑައަޅަންވެއްޖެ ކަމަށް ހޯމްމިނިސްޓަރ ވިދާޅުވެއްޖެ

ތޫނު ހަތިޔާރުން މީހުން މެރުން ރާއްޖޭގައި ކަންބޮޑުވާ ދަރަޖަ އަށް މައްޗަށް ގޮސްފައިވާ ކަމަށާއި އެ މައްސަލާގައި މަރަށް މަރު ހިފުމަށް ކަމާ ގުޅޭ ދާއިރާތަކުން ބަހުސްކޮށް ގޮތެއް ކަނޑައަޅަންވެއްޖެ ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވެއްޖެއެވެ.

ގާނޫނީ ވަކީލް އަހުމަދު ނަޖީބް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައި ހޯމް މިނސްޓަރ ޖަމީލު ވިދާޅުވީ ރާއްޖޭގައި ވެސް ކުށްތަކަށް ކަނޑައަޅާފައިވާ އަދަބުތަކަކީ އެންމެ އެކަށީގެންވާ އަދަބުތަކެއްތޯ މިހާރު ކަމާ ގުޅޭ ދާއިރާތަކުން ވިސްނަންޖެހިފައިވާ ކަމަށެވެ. މީހުން މަރައިގެން އުމުރަށް ޖަލަށްލުން މާނަކުރަމުން އަންނަނީ 25 އަހަރުގެ ގޮތުގައި ކަމަށާއި އޭގެ ބަދަލުގައި އެ މީހަކު މުޅި އުމުރަށް ޖަލުގައި ހުކުމް ތަންފީޒުކުރާ ގޮތަށް އިސްލާހުކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަރަށް މަރު ހިފުމަށް ތާއީދުކުރައްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެއީ ރާއްޖޭގައި ކުރެވޭނެ ކަމެއް ކަމަށާއި ކަމާ ބެހޭ ދާއިރާތަކަށް އެ ގޮތަށް އެއްބަސްވެވިއްޖެ ނަމަ މިމިނިސްޓްރީން އެ ކަން ތަންފީޒުކުރާނެ ކަމަށެވެ. މަރަށް މަރު ހިފުމުގެ އަދަބަކީ އެއްވެސް ހާލެއްގައި އާ ކަމެއް ނޫން ކަމަށާއި އޭޝިއާ ސަރަހައްދުގެ ބައެއް ގައުމުތަކުގައި ވެސް އެ އަދަބު ތަންފީޒުކުރަމުން އަންނަ ކަމަށެވެ. ބައެއް ގައުމުތަކުގައި މަރުގެ އަދަބު ކަނޑައަޅަނީ މަރުގެ މައްސަލައާ ގުޅިގެން ނޫން ކަމަށާއި ޑްރަގް މައްސަލަތަކުގައި ވެސް އެ އަދަބު ތަންފީޒުކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މަރުގެ އަދަބު ތަންފީޒުކުރުމަށް ކަމާ ގުޅޭ ފަރާތްތަކުން އިސް ނަގަންވަނީ ޖެހިފަ ކަމަށާއި ކުށްކުރާ މީހުންނަށް ހައްގު އަދަބުދީ، ކުށުން އެ މީހުން ބަރީއަނުވާނެ ކަމުގެ ޔަގީންކަން މުޖުތަމައަށް ހޯދައިދޭންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މީގެއިތުރުން ވެރިކަމަށް އަންނަ ބަދަލުތަކާ ގުޅިގެން ހުކުމް ތަންފީޒުކުރުމުގެ މަރުހަލާ އަށް ބަދަލު ގެނައުމަކީ މުޖުތަމައަށް ބޮޑު ބިރުވެރިކަމެއް ކުރިމަތިވަމުންދާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ނަޖީބުގެ މަރުގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ ދެ ވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާފައިވާ މީހެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. ސަރުކާރު ބަދަލުވިޔަސް ހުކުމް ތަންފީޒުކުރުމުގެ ކަންތައް ރައްޔިތުންނަށް ބިރުވެރިވާ ގޮތަށް ބަދަލުކޮށްގެން ނުވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.