މަދަނީ ތަޢުލީމުގެ ޤައުމީ ކެމްޕޭންގެ ޝިޢާރު ތަކުގެ ތެރޭގައި ހިމެނޭ "ޒިންމާދާރު ރައްޔިތުން" ބިނާ ކުރުމަށްޓަކައި ހިންގޭ ޙަރަކާތައް ތައްޔާރުވުމުގެ މަސައްކަތް ފެށިއްޖެ

މަދަނީ ތަޢުލީމުގެ ޤައުމީ ކެމްޕޭންގެ ޝިޢާރު ތަކުގެ ދަށުން “ޒިންމާދާރު ރައްޔިތުން” ބިނާ ކުރުމަށްޓަކައި ހިންގޭ ޙަރަކާތްތަކުގެ ތެރެއިން، ފުރަތަމަ ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތް ކަމުގައިވާ “ޢާއިލީ ހަވީރު” ބޭއްވުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަމާބެހޭ އޮފީސްތަކާ ގުޅިގެން ކުރިޔަށް ގެންދިއުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. މިގޮތުން ކަމާގުޅުންހުރި ދާއިރާތަކާއެކު ފުރަތަމަ ބައްދަލުވުން ވަނީ 13 މެއި 2012 ގައި ބޭއްވިފައެވެ. މި ޢާއިލީ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ 25 މެއި 2012 ވާ ހުކުރު ދުވަހު ހަވީރު އާޓިފިޝަލް ބީޗްގައެވެ. މިހަވީރުގެ ސްޓޯލްތައް ޤާއިމްކޮށް މިތަންތަނުގައި ތަފާތު ޙަރަކާތްތައް ހިންގުމަށް ވަނީ ރޭވިފައެވެ. މިޙަރަކާތްތަކުގެ ތެރޭގައި ދީނީ ކަންތައްތައް ކުޑަކުދިންނަށް ދަސްކޮށްދިނުމާއި ޢާއިލީ ގުޅުން ބަދަހި ކުރުމުގެ ގޮތުން، އެެކިއެކި ޙަރަކާތްތައް ހިންގުމާއި ޚާއްޞަކޮށް ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ޤައުމީ ލޯބި އާލާކުރުމުގެ ޙަރަކާތްތަކެއްވެސް ހިމެނިފައިވެއެވެ. މި ޢާއިލީ ޙަރަކާތަކީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިސްނަގައިގެން ބައިވެރިވާން ބޭނުންވާ ހުރިހާ ޢާއިލާތަކަށް ހުޅުވާލެވިފައިވާ ޙަރަކާތްތަކެކެވެ.