ޔޫއެންޑީޕީއާއި ހޯމް މިނިސްޓްރީ ގުޅިގެން މީޑިޔާ ކެމްޕެއިނެއް ކުރިއަށްގެންދަނީ

ޔޫއެންޑީޕީއާއި މިނިސްޓްރީ އޮފް ހޯމްއެފެއާޒް ގުޅިގެން ކުރިއަށްގެންދަން ނިންމާފައިވާ މީޑިޔާ ކެމްޕެއިނަށް ތައްޔާރުވުމުގެ މަސައްކަތް ފަށައިފިއެވެ.

މީޑިޔާ ކެމްޕެއިނަށް ތައްޔާރުވުމަށް އިއްޔެ ވަނީ މަސްލަހަތުވެރިންގެ މެދުގައި އޮންލައިން މަސައްކަތުބައްދަލުވުމެއް ކުރިއަށްގެންގޮސްފައެވެ. މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާރޒް މުޙައްމަދު މާހިރު އީސާއެވެ. މިއީ ޔޫއެންޑީޕީގެ އިންޓެގްރޭޓަޑް ގަވަނަންސް ޕްރޮގްރާމްގެ ދަށުން ހޯމް މިނިސްޓްރީއާ ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދާ ކެމްޕެއިނެކެވެ. އިއްޔެ ކުރިއަށްގެންދިޔަ މަސައްކަތުބައްދަލުވުމުގެ ބޭނުމަކީ މިވަގުތު މުޖުތަމައުގައި ހުރި މައްސަލަތަކާމެދު މަޝްވަރާކުރުމެވެ. އަދި މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާމެދު ޚިޔާލު ބަދަލުކޮށް، ކެމްޕެއިން މެދުވެރިކޮށް މުޖުތަމައުއަށް ދޭނެ މެސެޖްތަކާ ގުޅޭގޮތުން މަޝްވަރާކުރިއެވެ. މީގެއިތުރުން މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް19 އާ ގުޅިގެން ހީނަރުވަމުން އަންނަ އިޖުތިމާޢީ ބަދަހިކަމާއި، މިކަމާ ގުޅިގެން މުޖުތަމައުއަށް ދިމާވާ މައްސަލަތަކާއި، މައްސަލަތައް ހައްލުކުރާނެ ގޮތްތަކާގުޅޭ ގޮތުންވެސް މަޝްވަރާކުރިއެވެ. މަޝްވަރާތަކުގެ އަލީގައި މީޑިޔާ ކެމްޕެއިންގެ ތެރެއިން ދޭނެ މެސެޖްތައް ވަނީ ފާހަގަކޮށްފައެވެ.

މަސައްކަތު ބައްދަލުވުމުގެ ކުރިން އިޖުތިމާއީ ބަދަހިކަމާއި، ރާއްޖޭގެ މިހާރުގެ ހާލަތާގުޅޭ ގޮތުން ބައްދަލުވުމުގެ ބައިވެރިންނަށް ވަނީ މައުލޫމާތު ދީފައެވެ. މިމަސައްކަތު ބައްދަލުވުމުގައި 30 ބޭފުޅުން ބައިވެރިވެލެއްވިއެވެ. އޭގެތެރޭގައި ސަރުކާރުގެ މުއައްސަސާތަކާއި، ޖަމްއިއްޔާތައް، ގުޅުންހުރި އެހެން ފަރާތްތައްވެސް ހިމެނެއެވެ. އެގޮތުން މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، އެން.ސީ.ޓީ.ސީއާއި، ބްރޯޑްކާސްޓިންގ ކޮމިޝަނާއި، އެޑިއުކޭޝަން މިނިސްޓްރީއާއި، ޔޫއެންއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި، ލޭބަރ ރިލޭޝަން އޮތޯރިޓީއާއި، ބައެއް މަދަނީ ޖަމްއިއްޔާތައް ހިމެނެއެވެ.