ނ.އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި ޒުވާން ލީޑަރުންގެ ފޯރަމް ނިމިއްޖެ

ޔޫތް ލީޑާރސް ނެޓްވޯކުން ކުރިއަށްގެންދިޔަ މިއަހަރުގެ ފުރަތަމަ ޒުވާން ލީޑަރުންގެ ފޯރަމް ނިމިއްޖެއެވެ.

ވެލިދޫގައި ކުރިއަށްގެންދިޔަ ފޯރަމް އަތޮޅުގެ 12 ރަށަކުން 79 ޒުވާނުން ފުރިހަމަކުރިއެވެ. ފޯރަމްގެ ތެރޭގައި މައިގަނޑު 7 ދާއިރާއަކުން ސެޝަންތައް ކުރިއަށްގެންދިޔައެވެ. އޭގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ނޭޝަނަލް ޑްރަގް އެޖެންސީއާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި. މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ހިމެނެއެވެ. މީގެއިތުރުން ޔޫތް ލީޑާރސް ނެޓްވޯކްގެ ސެޝަނަކާއި، ބައިވެރިންނަށް ދަސްވި ކަންތައްތައް ދެނެގަތުމަށް ބައިވެރިންގެ ރަށްތަކުގައި ހުރި މައްސަލަތަކާއި، އެކަންކަމަށް އޮތް ހައްލާއި، ކުރިމަގުގައި މަސައްކަތްކުރާނެ ގޮތްތަކާއެކު ޕްރެޒެންޓޭޝަންތައް ހުށަހެޅިއެވެ.

ފޯރަމް ނިންމުމުގެ ރަސްމިއްޔާތުވެސް ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް މުޙައްމަދު މާހިރު އީސާއެވެ. ސްޓޭޓް މިނިސްޓަރ ވިދާޅުވީ މިއީ ކާމިޔާބު ފޯރަމެއްކަމަށާއި، ފޯރަމް ނިމުނުއިރު ޒުވާން ލީޑަރުން ހަޤީޤަތުގައުވެސް ލީޑަރުންނަށްވިކަން ޔަޤީންކުރެވުނުކަމަށެވެ.

" ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މިލީޑަރުންގެ ފުރިހަމަ އެހީތެރިކަން މިޤައުމަށް ލިބިގެންދާނެ. މިއަތޮޅަށް ލިބިގެންދާނެ. އަދި އެބޭފުޅުންގެ ރަށަށް އެބޭފުޅުން ޚިދުމަތްކުރައްވާނެ" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ވެލިދޫގައި ކުރިއަށްގެންދިޔަ ފޯރަމަކީ މިއަހަރުގެ ފުރަތަމަ ފޯރަމެވެ. އަދި މިދައުރުގެ 5 ވަނަ ފޯރަމެވެ. މިއީ ޔޫތް ލީޑާރސް ނެޓްވޯކްގެ 12 ވަނަ ފޯރަމެވެ.

ޔޫޓް ލީޑާރސް ނެޓްވޯކަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ މެންޑޭޓް ފުރިހަމަ ކުރުމުގައި އެހީތެރިކަން ދިނުމަށް ރާއްޖޭގައި ހިންގާ ކޮލެޖް ޔުނިވަރސިޓީގެ ދަރިވަރުންގެ މައްޗަށް އެކުލެވިގެންވާ ނެޓްވޯކެކެވެ. ޔޫތް ލީޑާރސް ނެޓްވޯކްގައި ހަރަކާތްތެރިވަނީ ކޮލްޖެ ޔުނިޗަރސިޓީގެ ދަރިވަރުންގެ ތެރެއިން މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަނޑައަޅުއްވާ މެންބަރުންނެވެ.