މިއަހަރުގެ ފުރަތަމަ ޔޫތް ލީޑާރސް ނެޓްވޯކް ފޯރަމް ނ.އަތޮޅުގައި ފަށައިފި

މިއަހަރުގެ ފުރަތަމަ ޔޫތް ލީޑާރސް ނެޓްވޯކް ފޯރަމް ނ.އަތޮޅުގެ ޒުވާނުންނަށް ޚާއްޞަކޮށްެން ވެލިދޫގައި ފަށައިފިއެވެ.

ވެލިދޫގައި ފެށި ފޯރަމްގައި އަތޮޅުގެ 12 ރަށަކުން 80 އަށްވުރެ ގިނަ ޒުވާން ލީޑަރުން ބައިވެރިވެއެވެ. ފޯރަމްގެ ސެޝަންތައް އިއްޔެ މެންދުރުފަހު ފެށި ނަމަވެސް ފެށުމުގެ ޙާއްޞަ ރަސްމިއްޔާތު ބޭއްވީ ރޭ ނ.އަތޮޅު ތައުލީމީ މަރުކަޒުގައެވެ. ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް މުޙައްމަދު މާހިރު އީސާއެވެ. ފޯރަމްގެ ބައިވެރިންނާ މުހާތަބުކުރައްވާ ދެއްކެވި ވާހަކައިގައި ސްޓޭޓް މިނިސްޓަރ ވިދާޅުވީ އިސްލާމީ ރިވެތި އުޞޫލުތަކުގެ ދަށުން ތަރުބިއްޔަތުވެ ޒުވާނުން ކުރިއަށް ނިކުންނަންޖެހޭކަމަށެވެ. ދިވެހިންނަކީ ދަތި ހާލުގައިވެސް ނުގުޑާ ހިތްވަރާއެކު އެތަދިތަކާ ކުރިމަތިލާ ބައެއްކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ވިދާޅުވީ މިއަދު ޤައުމަށް ދިމާވެފައިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް އެހިތްވަރާއި އަޒުމް ޒުވާނުން ދައްކަން ޖެހޭކަމަށެވެ. އިސްލާމީ އުޞޫލުތަކުގައި ތިބެ، ލީޑަރުންނަށް ވުމަށް މުހިއްމު ސިފަތައް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.އަދި ރާއްޖެއާއި ދުނިޔެއިން ލީޑަރުންގެ މިސާލު ނަންގަވާ ޒުވާނުން ރަނގަޅު ލީޑަރުންނަށް ވުމަށް ހިތްވަރުދެއްވިއެވެ.

މިފަހަރުގެ ފޯރަމްގައި މައިގަނޑު 5 ސެޝަނެއް ހިމެނެއެވެ. އޭގެ އިތުރުން ޔޫތް ލީޑަރސް ނެޓްވޯކް ތަޢާރަފްކުރުމާއި، ޕަބްލިކް އެންގޭޖްމަންޓް އެކްޓިވިޓީ ހިމެނެއެވެ. ސެޝަންތަކުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚާއްޞަ ސެޝަނަކާއި، ނޭޝަނަލް ޑްރަގް އެޖެންސީގެ ސެޝަނަކާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ސެޝަނަކާއި، ހޯމް މިނިސްޓްރީގެ ސެޝަނެއްގެ އިތުރުން ބަހާއި، ތާރީޚާއި، ޘަޤާފަތަށް ޚާއްޞަ ސެޝަނެއް ހިމެނެއެވެ. ފޯރަމް ކުރިއަށްގެންދަނީ "ހަރުދަނާ ޒުވާނުން- މުޖުތަމަޢުގެ ކުރިއެރުން " މިޝިޢާރުގެ ދަށުންނެވެ. މިފޯރަމް ނިމޭނީ އަންނަ ހޮނިހިރު ދުވަހުގެރެއެވެ. މިއީ ޔޫތް ލީޑާރސް ނެޓްވޯކުން އެކި ކުރިއަށްގެންދާ މިފަދަ 5 ވަނަ ފޯރަމެވެ. މިދިޔަ އަހަރު ވަނީ 4 ޞަރަހައްދެއްގައި ފޯރަމް ބާއްވާފައެވެ.

މިފޯރަމްގެ ބޭނުމަކީ ޒުވާން ޤާބިލް ލީޑަރުން އުފެއްދުމެވެ.