އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފި

ޤާނޫނު ނަންބަރު: 14/2013 "ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު" ގެ ނުވަވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރ އޮފް ހޯމްއެފެއާޒް އަށް ލިބިގެންވާ ބާރުގެ ދަށުން މިނިސްޓަރ ޢިމްރާން ޢަބްދުﷲ، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމަށް މިއަދު ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

މިމަޤާމަށް އައްޔަންކުރެއްވީ ހ.ނޫމުތީ އައިޝަތު ނޫރާ މުޙައްމަދެވެ. އައިޝަތު ނޫރާ މުޙައްމަދު މަޤާމަށް އައްޔަންކުރެއްވީ ކުރިން އެމަޤާމްގައި ހުންނެވި އަހުމަދު މުޙައްމަދުފުޅު ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެނެވެ. އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމް ހުސްވީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމަށް އައްޔަންކުރެއްވި އައިޝަތު ނޫރާ މުޙައްމަދަކީ ތައިލެންޑްގެ ޗުލަލޮންގކޯން ޔުނިވަރސިޓީން "މާސްޓަރސް އޮފް އާރޓްސްއިން އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ސްޓަޑީޒް" ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެމެރިކާގެ އަޕަރ ލޯވަރ ޔުނިވަރސިޓީން ބެޗްލަރސް އޮފް ސައިންސް އިން ސައިކޮލޮޖީ އެންޑް ކޮމިއުނިކޭޝަންވެސް ވަނީ ހާޞިލްކުރައްވާފައެވެ. އައިޝަތު ނޫރާ މުޙައްމަދު އެންމެފަހުން މަސައްކަތްކުރެއްވީ މޯލްޑިވްސް ރެޑްކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމްގައެވެ. އޭގެކުރިން ނޫރާ ވަނީ ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަންގެ ޑިރެކްޓަރ، ޕްރޮގްރާމްގެ މަޤާމް އަދާކުރައްވާފައެވެ. އަދި ޔޫއެންޑީޕީގެ ޕްރޮޖެކްޓް ކޯޑިނޭޓަރެއްގެ ގޮތުގައާއި، ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގައި އެކި ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރެއްވިއެވެ.

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަކީ މީހުން ބަންދުކުރާތަންތަނުގެ ޙާލަތާއި އެތަންތަނުގައި ކަންހިނގާގޮތް ބަލާ މިނިސްޓަރ އޮފް ހޯމްއެފެއާޒަށް ރިޕޯރޓްކުރުމަށްޓަކައި އައްޔަންކުރާ މީހެކެވެ.