ޕެރޯލް އޮފިސަރުންނަށް ފުރަތަމަ ފަހަރަށް ލިޔުން ހަވާލުކޮށްފި

ޕެރޯލް އޮފިސަރުން ތަމްރީނުކޮށް، އެއޮފިސަރުންނަށް ފުރަތަމަ ފަހަރަށް ލިޔުން ހަވާލުކޮށްފިއެވެ.

ޕެރޯލް އޮފިސަރުންނަށް ލިޔުން ހަވާލުކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲއެވެ. ތަމްރީނު ދިނުމަށްފަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 10 އޮފިސަރަކަށް މިއަދު ވަނީ ލިޔުން ހަވާލުކޮށްފައެވެ. އެއޮފިސަރުންގެ ޒިންމާއަކީ ޕެރޯލްގެ ދަށުން ދޫކޮށްލެވޭ ޤައިދީންގެ ކަންކަން ބަލާ މޮނިޓަރ ކުރުމެވެ. އަދި އެމީހން އިޞްލާހުކޮށް އަނބުރާ މުޖުތަމައުއަށް ގެނައުމަށް އެހީތެރިވެދިނުމެވެ.

ލިޔުން ހަވާލުކޮށްދެއްވުމަށްފަހު މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ޕެރޯލްގެ ޤާނޫނުގެ ދަށުން ޕެރޯލްގެ ޚިދުމަތް ދިނުމަށްޓަކައި ނުވަތަ ޕެރޯލްގެ ދަށުން ދޫކުރެވޭ މީހުން އެމީހުނަށް ކުރެވޭ ޝަރުތުތަކާއެކުގައި މުޖުތަމައުގައި ރަނގަޅަށް އުޅުމުގެ ފުރުޞަތު ފަހިކޮށްދޭން އެހީތެރިވެދިނުމަށް ވަކިން ޚާއްޞަކޮށް އޮފިސަރުން ކަނޑައެޅުމަކީ އެކަމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވޭ ވަރަށް މުޙިއްމު މަސައްކަތެއްކަމަށެވެ. އަދި އެއީ އެޅިގެންދާ ވަރަށް ޚާއްޞަ ފިޔަވަޅެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިއީ ޕެރޯލް އޮފިސަރުންނަށް ހަވާލުކުރެވޭ ވަރަށްބޮޑު ޒިންމާއެއް އަދި އަމާނާތެއްކަމަށެވެ. ޕެރޯލްގެ ދަށުން ދޫކޮށްލާ އެއްވެސް މީހަކު އަނބުރާ ޖަލަށް ގެނައުމަކީ ބޭނުންފުޅުވާގޮތް ނޫންކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެކަމުގައި އާއިލާތަކުންނާއި، ޕެރޯލް އޮފިސަރުން މުޙިއްމު މަސައްކަތްތަކެއް ކޮށްދެއްވާ އެހީތެރިވެދެއްވަންޖެހޭކަމަށެވެ. އަދި އެކަމަށް މިނިސްޓަރ ވަނީ އެދިވަޑައިގަންނަވާފައެވެ.

" ރާއްޖޭގެ އިޖުތިމާއީ ވެއްޓަށް ކޮށްފައިވާ އަސަރުތަކުން ސަލާމަތްކުރުމަށް ތިޔަ އޮފިސަރުން ޤައިދީންނަށް އެހީތެރިވެ، އެބޭފުޅުންގެ ދިރިއުޅުން ބަދަލުކޮށް އިޞްލާހުކޮށް މުޖުތަމައުގައި އެމީހުންނަކީ ރިވެތި ދިރިއުޅުމެއް އުޅެވޭނެފަދަ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއްކޮށްދެއްވާށޭ. ރަނގަޅަށް އުޅުމަށް އެމީހުންނަށް ހިތްވަރުދީ އެހީތެރިވެދެއްވާށޭ" ޕެރޯލް އޮފިސަރުންނާ މުހާތަބުކުރައްވާ މިނިސްޓަރ ވިދާޅުވިއެވެ.

ޕެރޯލް ބޯޑްގެ ޗެއަރޕަސަން ފައުޒިއްޔާ އަލީވެސް ވިދާޅުވީ މިއީ ވަރަށް މުޙިއްމު ފެށުމެއްކަމަށާއި، މިއީ އުފާވެރި ދުވަހެއްކަމަށެވެ. މިކަމުގެ ހެޔޮ ނަތީޖާ ފެންނާނެކަމަށް ޔަޤީންކުރައްވާކަމަށް ވިދާޅުވިއެވެ.