މާލޭ ޖަލު އެނެކްސް 1 މަރާމާތަށްފަހު އަލުން ހުޅުވައިފި

މާލޭ ޖަލު އެނެކްސް އެކެއް މަރާމާތަށްފަހު އަލުން ހުުޅުވައިފިއެވެ. މަރާމާތަށްފަހު އަލުން ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒު ޢިމްރާން ޢަބްދުﷲއެވެ.

މަރާމާތަށްފަހު އަލުން ހުޅުވީ އިންސާނީ ކަރާމާތާއި، ޝަރަފާ އެކަށީގެންވާ މިންވަރަކަށް ހާލަތު ބަދަލުކުރުމަށްފަހުއެވެ. އެތަނުގެ ހާލަތުގެ ގޯސްވެ ބަންދުކުރިއިރު ކުރިން އެތަނުގައި 17 މީހުން ބަންދުކުރިއެވެ. ނަމަވެސް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ އެތަނުގައި ދެން ގިނަވެގެން ބަންދުކުރާނީ 10 މީހުންކަމަށެވެ. އަދި ތަނުގެ ހާލަތު، ފާޚާނާ ކުރުމުގެ އިންތިޒާމްވެސް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ގެނެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިސަރުކާރު ހަވާލުވުމަށްފަހުގައި ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަންދުކޮށްގެން ގެންގުޅޭ ތަންތަން ނުވަތަ ޖަލުތަކުގެ ހާލަތު އިންސާނީ ކަރާމަތާ ޝަރަފާ އެކަށީގެންވާ މިންވަރަކަށް ގެނައުމަށްޓަކައި ސަރުކާރުން ފަށާފައިވާ ގިނަ މަސައްކަތްތަކުގެ ތެރެއިން މިނިންމާލެވުނީ އެއް މަސައްކަތެއްކަމަށެވެ.

“ މިތަން ބަންދުކުރެވުނިއިރު ހާލަތު ވަރަށް ދަށްކޮށްހުރީ. މިއީ ސޯޅަ، ސަތާރަ މީހުން ބަންދުކޮށްފައި ބޭތިއްބިފަހުރި ތަންތަން. މިހާރު އަޅުގަނޑުމެން ނިންމާފަ މިއޮތީ މިތަންތަނުގައި ދެން ބައިތިއްބާނީ ދިހަ މީހުންކަމަށް. ފެންވެރުމާ ފާޚާނާ ކުރުމުގެ އިންތިޒާމް އެހުރީ އެކަށީގެންވާ ފެންވަރުގެ ރަނގަޅު ފެންވަރަކަށް ގެންދެވިފަ. ދުވާލު ގަޑީގައި ނިކުމެ ކަސްރަތުކުރާނެ ތަން މިހާރު މިވަނީ އެކަށީގެންވާ ވަރަކަށް އޯޕަންކޮށް މަރާމާތުކުރެވިފަ.” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުރިން ހެނދުނު ހަޔަކުން އިރުއޮއްސި ހަޔަކަށް ގޮޅީތަކުގައި ތިބެންޖެހޭ ޖެހުން ނިމުމަކަށް ގެންނަވާނެކަމަށެވެ. އެގޮތުން މިތަނުގައި މީހުން ބައިތިއްބަން ފެށުމުން ފަތިހު ފަހެއް ޖަހާއިރު ބޭރަށް ނެރުމަށްފަހު ގޮޅިތަކަށް ވައްދާނީ ރޭގަނޑު ދިހައެއް ޖަހާއިރު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބަންޖެހޭ ޤައިދީންނަށް ތަނުގެ ގޮތުންނާއި، ދެވޭ ޚިދުމަތުގެ ގޮތުންވެސް ބޮޑުތަނުން ރަނގަޅުގޮތްތައް ހަމަޖައްސައިދެވިފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިއީ ބަންދުކުރެވޭ މީހުން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ނެރުމަށް ސަރުކާރުން ގެއްނގުޅުއްވާ ވިސްނުމުގެ ތެރެއިން ކުރެވޭ މަސައްކަތްތައްކަމަށެވެ. ޤައުމުގެ އިޖުތިމާއީ ހާލަތު ރަނގަޅު ކުރުމަށް ކުރާ މަސައްކަތަކީ އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސްއާއި، ޑެޕިއުޓީ ކޮމިޝަނަރއާއި، އެސިސްޓެންޓް ކޮމިޝަނަރ އަދި ހުރިހާ އޮފިސަރުން ކުރައްވާ މަސައްކަތްތައްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޤައިދީން ތިބޭ ތަން ރަނގަޅުވެ، ޚިދުމަތްތައް ރަނގަޅުކުރުމުން އެމީހުން ރިހިބިލިޓޭޓް ކުރުމަށް ހިންގާ ޕްރޮގްރާމްތަކަށް ފޯކަސް އިތުރުކޮށް އެކަން ކާމިޔާބުކުރުމަށް އިތުރަށް މަގުފަހިވާނެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެނެކްސް 1 އަލުން ހުޅުވުމާއެކު އެތަނުގެ ޕްލޭން ޤައިދީންނަށާއި، އޮފިސަރުންނަށް ލިބޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. އެޕްލޭންގައި ޤައިދީންނާ މެދު އަމަލުކުރެވޭނެ އުޞޫލުތަކާއި، ޤައިދީން އަމަލުކުރަންޖެހޭ އުޞޫލުތަކާއި، ޝަކުވާ ހުށައަޅާނެ ގޮތްތަކާއި، ޝަކުވާ ހުށައެޅުމުގައި ހަވާލާދެވޭނެ ޤާނޫނީ މާއްދާތައްވެސް ވަނީ ބަޔާންކޮށްފައެވެ.