ދޮގު ޚަބަރު ހުއްޓުވުމުގެ ކެމްޕެއިނެއް ފަށައިފި

"ދޮގު ޚަބަރު ހުއްޓުވާނީ އަހަރެން" މިޝިޢާރުގެ ދަށުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ދޮގު ޚަބަރު ހުއްޓުވުމުގެ ކެމްޕެއިނެއް ފަށައިފިއެވެ. ކެމްޕެއިން މިއަދު ލޯންޗްކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.ޙަސަން ހަމީދެވެ.

މިނިސްޓްރީން މިކެމްޕެއިން ކުރިއަށްގެންދާނީ ބައިސްކޯފް މޯލްޑިވްސްގެ އެހީތެރިކަމާއެކުގައެވެ. މިއީ ދޮގު ޚަބަރު ފެތުރުން ހުއްޓުވުމަށާއި، ޚަބަރުގެ ޞައްހަކަން ދެނެގަތުމަށް ބާރުއެޅުމަށް ކުރިއަށްގެންދާ ކެމްޕެއިނެކެވެ. މިކެމްޕެއިންގައި މީޑިޔާ ދާއިރާގެ ބޭފުޅުންގެ ތެރެއިން 7 ބޭފުޅަކުން ކެމްޕެއިން އެމްބެސެޑަރުންގެ ގޮތުގައި މަސައްކަތްކުރައްވާނެއެވެ.

ކެމްޕެއިން އެމްބެސެޑަރުންގެ ގޮތުގައި މަސައްކަތްކުރައްވާނީ ވީމީޑިޔާގެ ސީއީއޯ މުޙައްމަދު އާސިފްއާއި، ޕަބްލިކް ސަރވިސް މީޑިތޔާގެ ބޯޑް މެމްބަރު މަރިޔަމް ވަހީދާއާއި، މިހާރު ނޫހުގެ އެސިސްޓެންޓް އެޑިޓަރ މުޙައްމަދު ހަމްދޫނާއި، ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރަރ ޝަމްޢާން ޝާކިރުއާއި، ކުޅިވަރު ނޫސްވެރިޔާ އަބުދުﷲ އަޒްމީންއާއި، ކުރީގެ ނޫސްވެރިޔ ހުސެއިން ހަސަންއާއި، ވަގުތު އޮންލައިންގެ ހުސެއިން އަރުބާން ފައްވާޒްއެވެ.

މި ކެމްޕެއިންގެ ދަށުން މީސް މީޑިއާގެ މަންސަތަކާއި އެނޫންވެސް މީޑިއާގެ މަންސަތަކުގެ ޒަރިއްޔާއިން ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތްކުރާނެއެވެ. އެގޮތުން އެމްބެސެޑަރުން ހިމަނައިގެން ތައްޔާރުކުރާ ވީޑިއޯ ސްޕޮޓާއި، ވަކިވަކި ފޮޓޯ ޕޯސްޓަރުންތަކުގެ ޒަރީޔާއިންވެސް މަސައްކަތްކުރާނެއެވެ. އަދި ދާއިރާގެ އެހެން ފަރާތްތަކުގެ ބައިވެރިވުންވެސް ކެމްޕެއިންގެ ތެރޭގައި ހޯދާނެއެވެ.

ކެމްޕެއިން ކުރިއަށްގެންދާނީ އަންނަ އަހަރުގެ މާރިޗް ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ.