ހުއްބުލް ވަޠަން ނުވަތަ ވަޠަންދެެކެ ލޯބިވުމަކީ ޤައުމަށް އުފަންވާ ޒިންމާދާރު ކޮންމެ މުޢާޠިނެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއް- ހޯމް މިނިސްޓަރ

ހުއްބުލް ވަޠަން ނުވަތަ ވަޠަންދެެކެ ލޯބިވުމަކީ ޤައުމަށް އުފަންވާ ޒިންމާދާރު ކޮންމެ މުޢާޠިނެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއްކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާން މިހެންވިދާޅުވީ މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ތިމާ އުފަންވެ ހެދިބޮޑުވާ ވަޠަންގެ ކަރާމަތާ އިސްތިޤުލާލާ މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެމީހެއްގެ މަޞްޢޫލިއްޔަތު ފުރިހަމަގޮތުގައި އަދާކުރުމަކީ ޤައުމުގެ ކޮންމެ ދަރިއެއްގެ ޒިންމާއެއްކަމަށެވެ. އަދި އަމިއްލަ ވަޠަނަށްޓަކައި ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ބޮޑުވެގެންވާ ޒިންމާޔާ މަޞްޢޫލިއްޔަތަކީ ޤައުމީ ދުވަހު އަޅުގަނޑުމެން އެންމެން އެކަމާމެދު ވިސްނާ ފިކުރުކުރަންޖެހޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޤައުމެއް ޤައުމެއްގެ ގޮތުގައި ދެމިއޮންނަނީ ޤައުމުގެ ހިމާޔަތުގައި ފިދާވެ ޤުރުބާންވާންނެ ދަރިންތަކެއް ތިބެގެންކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ދިވެހިރާއްޖެ މާސިންގާ ބިޔަ ކަނޑުގެ މިޞަރަހައްދުގައި އިސްތިއުމާރީ ބާރުތަކުގެ ތެރޭގައި އެތައްސަތޭކަ އަހަރުވަންދެން މިނިވަންކަމާ އިސްތިޤުލާލުގެ މަތީގައި ދެމިއޮތުމުގެ ޞިއްރަކީވެސް އެއީކަމަށެވެ.

ދިވެހި ތާރީޚަށްޓަކައި، ދިވެހި ޤައުމަށްޓަކައި ޤުރުބާންވާނެ އެތައް ކާބަފައިންނެއް މިދީބު ދެކެފައިވާކަން ފާހަގަކުރައްވަމުން އެފަދަ ބޭފުޅުންގެ ޒިކުރާ އާކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އެހެންކަމުން ޤައުބީ އަބްޠާލުންގެ ޒިކުރާ އާކުރުމަކީ އެއް ޖީލުން އަނެއް ޖީލަށް ދަތުރުކުރަމުން ގެންދަންޖެހޭ ޤައުމީ ވިލެއްކަމަށާއި، އަޅުގަނޑުމެން ކޮންމެ ދިވެއްސަކު ދިވެހި ތާރީޚުގެ ޞަފްހާތަކުގެތެރެއަށް ގޮސް ދިވެހި ޤައުމަށްޓަކައި އެބޭފުުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާންތައް ދިރާސާކޮށް ދަސްކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އެކަމުން އިބުރަތާ ފިލާވަޅު ލިބިގަނެ، އަޅުގަނޑުމެންގެ ޖީލުތައް ޤައުމުގެ ހިމާޔަތަށް ކުރަންވީ ކަންކަމާމެދު ވިސްނާ ފިކުރުކުރަންޖެހޭކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. ކޮންމެ ޤައުމެއްވެސް މިނިވަންކަމާއެކު ދެމިއޮންނަނީ އެޤައުމެއްގެ ޤައުމިއްޔަތުގެ އަޞާޞްތަކެއް އޮވެގެން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" ދިވެހި ޤައުމިއްޔަތުގެ މިނިވަންކަމުގެ އަޞާޞަކީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ބަސް، އަދި ދިވެހިންގެ ފަޚުރުވެރި އާދަކާދަޔާ ޘަޤާފަތް. އެހެންކަމުން ދިވެހި ދައުލަތުގެ މިނިވަންކަމާ ރައްކާތެރިކަމަށްޓަކާ ދިވެހި ޤައުމިއްޔަތުގެ އަޞާޞްތައް ދިރުވާއާލާކުރުމަކީ އަޅުގަނޑުމެން އެންމެންގެ މަޞްޢޫލިއްޔަތެއް" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބަވަނަވެފައިވާ ދުނިޔޭގައި މިއަދު އަޅުގަނޑުމެން ކުރިމަތިލާންޖެހިފައިވަނީ ކުރިން ދިމާވިފަދަ ކަންކަމާ ނޫންކަމަށެވެ. އެހެންކަމުން އެކަންކަމުން އަރައިގަނެ ދިވެހި ޤައުމިއްޔަތު ހިމާޔަތްކޮށް ޤައުމުގެ މުސްތަޤްބަލް އާރާސްތުކުރުމަށްޓަކައި އަޅުގަނޑުމެން އެކަންކަމާ ކުރިމަތިލާންޖެހެނީ މިއަދުފެ ވިސްނުމާ ފިކުރުގެ ތެރެއިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޝަރަފްވެރިކަމުގެ ޤައުމީ އިނާމް 5 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމް 21 ބޭފުޅަކަށް ވަނީ ދެއްވާފައެވެ. އިނާމްތައް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ.