އިންސާނީ މުޖުތަމައުއެއްގެ ކުރިމަގު ބަލާނެ ލޯގަނޑަކީ ޒުވާނުން- ހޯމް މިނިސްޓަރ

އިންސާނީ މުޖުތަމައެއްގެ، އިންސާނުން ދިރިއުޅޭ ވަޠަނެއްގެ، އެނަޞްލެއްގެ މައިބަދައަކީ ޒުވާނުންކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާން މިހެން ވިދާޅުވީ އއ.މަތިވެރީގައި ނިމުނު މިއަހަރުގެ 4 ވަނަ ޒުވާން ލީޑަރުންގެ ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި އއ.އަތޮޅުގެ ޒުވާނުންނާ މުހާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިމޭރުމުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މުޖުތަމައުއެއް ކޮޅަށް ތެދުވާނީ، އެޤައުމެއް ކުރިއަށްދާނީ ޒުވާނުންގެ މައިބަދަ ނުވަތަ ބެކްބޯންގައި ވަރުހުރި ވަރަކުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިސަބަބަށްޓަކައި ހަޤީޤަތުގައިވެސް އިންސާނީ މުޖުތަމައެއްގެ ކުރިމަގު ބައްޓަންކުރާނީ، ކުރިމަގު ދައްކުވައިދޭނީ ކުރިމަގު ބަލާނެ ދުރިމިއަކަށް، ލޯގަނޑަކަށް ވާނީ އަބަދުވެސް އެވަގުތެއްގައި އެމުޖުތަމައުއެއްގައި ތިބޭ ޒުވާނުންގެ ހާލަތުކަމަށެވެ. އެމުޖުތަމައުއެއްގެ ޒުވާނުން ތިބިގޮތް ފެނުމުން އެމުޖުތަމައުއެއްގެ ކުރިމަގު އިނގޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" މިސަބަބަށްޓަކައި ހަޤީޤަތުގައިވެސް މުޖުތަމައުއެއްގެ ކުރިމަގު އުފާވެރި، އުޖާލާ، ފާގަތި، ހިތްހަމަޖެހޭ މުޖުތަމައުއަކަށްވާނީ އެމުޖުތަމައުގެ ޒުވާނުންގެ ދުޅަހެޔޮކަމާ ޢިލްމީ ޤާބިލްކަމާ، އެމީހުންގެ ހުނަރާ ފަންނުގެ ނަތީޖާއެއްގެ މައްޗަށް. އެހެންކަމުން އަޅުގަނޑުމެންގެ މިމުޖުތަމައުގެ ޒުވާނުންގެ ދުޅަހެޔޮކަމާ ފަންނާ ހުނަރު އިތުރުކޮށްދިނުން އެއީ މާދަމާ މިޤައުމުގެ މުސްތަޤްބަލް އުޖާލާކުރަން ބޭނުންނަމަ އަޅުގަނޑުމެން އެންމެ ކުރަންޖެހޭކަމެއް. މާދަމާ އަޅުގަނޑުމެން އުފާވެރިވާން ބޭނުންނަމަ، ހިތްހަމަޖެހިގެން އުޅެން ބޭނުންވާނަމަ އަޅުގަނޑުމެން މުޖުތަމައުގައި ތަނަވަސްކަމާ ތިޔާގިކަން އޮންނަން ބޭނުންނަމަ އަޅުގަނޑުމެން އެކަން ފުރަތަމަ ފަށަން ޖެހެނީ އަޅުގަނޑުމެންގެ ޒުވާނުންގެ ކިބައިން" މިނިސްޓަރ ވިދާޅުވިއެވެ.

ފޯރަމްގެ ބައިވެރިންނާ މުހާޠަބުކުރައްވާ މިނިސްޓަރ ވިދާޅުވީ ތިޔަ ޒުވާނުންނަކީ މާދަމާ ޒުވާނުންނާ ހަމައަށް އަންނަންތިބި ތުއްތު ކުދިން ބަލާބޮޑުކޮށް އެކުދިންނަށް މިސާލުދައްކައިގެން ގެންނަންތިބި ޒުވާނުންކަމަށެވެ. ފޯރަމްގައި ހޭދަކުރި ވަގުތުތަކަކީ އެކަމަށް، ޤައުމުގެ މުސްތަޤްބަލަށް ހޭދަކުރި އަގުހުރި ވަގުތުތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އަދި މިއަދު އިސްކޮށްތިބި މީހުން ރާވާ ހިންގާ ކަންކަން ތަންފީޒުކުރަންތިބީވެސް ޒުވާނުންކަމަށް ޒުވާނުންނާ މުހާޠަބުކުރައްވާ މިނިސްޓަރ ވިދާޅުވިއެވެ. އިސްރަށްވެހީންނަށް އަޅާލާ އޯގާވެރިވެ، ހީވާގިކަމާއެކު މަސައްކަތްކުރަން ތިބީވެސް ޒުވާނުންކަމަށް ހަނދާކޮށްދެއްވާ މިނިސްޓަރ ވިދާޅުވީ ޤައުމުގެ އުފާވެރިކަމާ ހަމަޖެހުން ބިނާވާނީ ޒުވާނުންގެ ހަރުދަނާކަމުގެ މައްޗަށްކަމަށެވެ.މިޤައުމު މާދަމާ އެހެން މަރުހަލާއަކަށް ގެންދެވޭނީ ޒުވާނުންގެ ކިބައިގައި ހިތްވަރު ހުރެގެންކަމަށްވެސް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވިއެވެ. އެމަސައްކަތުގައި ޒުވާނުންނަށް އެހީތެރިވުމަށް ސަރުކާރުން ކޮށްދެވެން ހުރި ހުރިހާކަމެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް މިނިސްޓަރ ދެއްވިއެވެ.

އިސްލާމީ ތާރީޚުންނާއި، ރާއްޖޭގެ ތާރީޚުން މިސާލު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދަތި އުނދަގޫ ވަގުތުތަކުގައި ސަލާމަތްކޮށްދެނީވެސް ޒުވާނުންކަމަށެވެ. ރާއްޖޭގެ ތާރީޚުން އެމަނިކުފާން ނެންގެވީ މުޙައްމަދު ތަކުރުފާން ރާއްޖެ ސަލާމަތްކުރެއްވުމަށް ކުރެއްވި ޖިހާދާއި، ނޮވެމްބަރު ތިނެއްގައި ޝަހީދު ހުސެއިން އާދަމް ކުރެއްވި ޖިހާދެވެ. މިނިސްޓަރ ވިދާޅުވީ ކޮންމެ ޒުވާނަކީވެސް ލީޑަރެއް އަދި ޤައުމަށް ބަދަލެއް ގެނެސްދެވިދާނެ ކުއްޖެކަމަށެވެ. ޤައުމެއްގެ ރައްޔިތުންނަށް ބަލާއިރު އެޤައުމެއްގެ، އެމުޖުތަމައުއެއްގެ ޒުވާނުންނަށް ދެވިފައިވާ މަޤާމަކީ ވަރަށްވެސް މަތިވެރި މަޤާމެއްކަން އެމަނިކުފާން ފާހަގަކުރެއްވިއެވެ.

އއ.މަތިވެރީގައި ބޭއްވި ފޯރަމްގައި 80 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވިއެވެ. ތިން ދުވަހަށް ކުރިއަށްގެންދިޔަ ފޯރަމްގައި ތަފާތު އަށް ދާއިރާތަކުން ފަންނީ އަދި ޓެކްނިކަލް ބޭފުޅުން ސެޝަންތައް ނަންގަވައިދެއްވިއެވެ. ފޯރަމްގައި ބައިވެރިވީ މަތިވެރި، ރަސްދޫ، ތޮއްޑޫ، އުކުޅަސް، ބޮޑުފޮޅުދޫ، މާޅޮސް، ހިމަންދޫ އަދި ފެރިދޫންނެވެ.