ކުޑަކުދިންގެ ކުށުގެ ވެށީގެ ހާލަތު ބަދަލުކުރުމުގައި ސިޔާސަތުތަކެއް، އަމާޒުތަކެއް އެބައޮތް- ހޯމް މިނިސްޓަރ

ކުޑަކުދިންގެ ކުށުގެ ވެށީގެ ހާލަތު ބަދަލުކުރުމުގައި މިސަރުކާރުގެ ސިޔާސަތުތަކަކާއި، އަމާޒުތަކެއް އެބައޮތްކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެންވިދާޅުވީ ޖުވެނައިލް ޖަސްޓިސް ޔުނިޓުން މިއަދު ބޭއްވި 27 ވަނަ ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ އަޅުގަނޑުމެންގެ ކުށުގެ ވެއްޓަށް ހުށައެޅިފައިވާ މައްސަލަތައް އަޅުގަނޑުމެންގެ ކުޑަކުދިންގެ އާބާދީއަށް ބަލާލާއިރު ބިރުގަންނަވަރުގެ ހާލަތު އެބައޮތްކަމަށެވެ.. ނަމަވެސް އެއާ ވިދިގެން ވިދާޅުވީ އެކަން ބަދަލުކުރުމުގައި މިކަމުގައި ސަރުކާރުގެ މުހިއްމު އިސްނެގުމެއް އެބައޮތްކަމަށެވެ. މިހާލަތު ރަނގަޅުކުރުމަށް ސަރުކާރުގެ އަމާޒުތަކެއް އަދި ސަރުކާރުގެ ޕޮލިސީތަކެއް އެބަހުރިކަމަށެވެ. މިނިސްޓަރ ވިދާޅުވީ ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލްއާ ޖުވެނައިލް ޖަސްޓިސް ޔުނިޓާ ކޯޓްތަކާ ސްކޫލްތަކާއި މުޅި އެޑިއުކޭޝަން ސިސްޓަމާ ހުރިހާ އެންމެން ގުޅިގެން އެކުގައި ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޕޮލިސީތައް ތަންފީޒުކުރެވިގެންދާނެކަމަށެވެ. އެގޮތުން ބަލާއިރު މިއަދު މިކުރެވުނީ މުޙިއްމު މަސައްކަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ކޮންމެ ރަށެއްގެ، ކޮންމެ ފެންވަރެއްގެ ކޮންމެ ފަންތިއަކަށް ނިސްބަތްވާ ކުއްޖަކަށް ވިޔަސް އެއީ ހަމަ އަޅުގަނޑުމެންގެ ހިތުގެ ބައެއް. އެވިސްނުން އަޅުގަނޑުމެންގެތެރޭގައި އިސްކުރެވުނީމަ އަޅުގަނޑުމެން މުޖުތަމައުގައި ހަމަޖެހުމާ މަޞްލަހަތު އޮންނާނެ. އުފާފާގަތިކަން އޮންނާނެ. ކުޑަކުދިން ކުށްތަކުން ސަލާމަތްކުރެވި އަޅުގަނޑުމެންގެ މުޖުތަމައުއަށް އުފާވެރިކަމާ ހިތްހަޖެހުން ގެނެސްދެވޭނެ" މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު ނިމުނު 5 ދުވަހުގެ ތަމްރީނު ޕްރޮގްރާމްގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ނޭޝަނަލް ޑްރަގް އެޖެންސީއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، ތަޢުލީމީ ދާއިރާގެ ބޭފުޅުންނާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ބޭފުޅުން ހިމެނޭގޮތަށް 31 ބޭފުޅުން ބައިވެރިވެލެއްވިއެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ހާލަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މަސައްކަތްތައް ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކުރެވޭތޯ މަސައްކަތްކުރައްވަމުންގެންދަވާކަމަށެވެ. އެގޮތުން ކުރެވުނު މަސައްކަތްތައް ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ މިއަހަރުގެ ނިސްބަތުން ބަލާއިރު ނިސްބަތުން މުވައްޒަފުންގެ އަދަދު އެންމެ ބޮޑަށް އިތުރުކުރެވުނު އެއްތަނަކީ ޖުވެނައިލް ޖަސްޓިސް ޔުނިޓްކަމަށެވެ. އަދި މަސައްކަތްކުރުމުގެ ޖާގަ އިތުރުކޮށްދެވި، ދަތުރުކުރުމަށް ވެހިކަލް ހޯދުމުގެ މަސައްކަތް ކުރެވުނުކަން ފާހަގަކުރެއްވިއެވެ. އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަން ފާހަގަކުރައްވާ އެމަސައްކަތް ކުރައްވަމުންގެންދަވާކަމަށްވެސް ވިދާޅުވިއެވެ.

ކުޑަކުދިންގެ އަދުލުގެ މުޅި ނިޒާމް ހަރުދަނާކުރުމަށްޓަކައި ކުޑަކުދިންގެ އަދުލުގެ ނިޒާމްގެ ބިލް، ޤާނޫނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވި މިހާރު މަޖިލީހުގައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިހުރިހާ މަސައްކަތްތަކެއް ސަރުކާރުން، ކުރަމުން އަންނަނީ ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތީންކަމަށެވެ.

"އަޅުގަނޑު ހިތުން އާއިލާއެއްކަމަށް ވިޔަސް މުޖުތަމައުއެއްކަމަށް ވިޔަސް ޤައުމެއްކަމަށްވިޔަސް އެބައެއްގެ މުސްތަޤުބަލުގެ އުޖާލާކަމާއި، އުފާފާގަތިކަން ބިނާވެފައި އޮންނާނީ އެމުޖުތަމައެއްގެ ހެދިބޮޑުވަމުން އަންނަ ޖީލުގެ ޢިލްމީ ޤާބިލްކަމާއި، އެބައިމީހުންގެ ހުނަރުވެރިކަމާއި ފަންނުވެރިކަމާއި، ދުޅަހެޔޮކަމުގެ މައްޗަށް. އެހެންކަމުން އަޅުގަނޑުމެންގެ ހެދިބޮޑުވަމުން އަންނަ ޖީލުގެ ފަންނާ ހުނަރު، އިލްމީ ޤާބިލްކަމާއި ދުޅަހެޔޮކަން އިތުރުކުރެވިގެންދާނީ އަޅުގަނޑުމެންގެ ތުއްތުކުދިންނާއި ފުރާވަރުގެ ކުދިންނާއި ޒުވާން ޖީލް ބިނާކޮށްގެން މުޙިއްމު މަސައްކަތްތަކެއްކޮށްގެން. އާދެ އެގޮތުން ކުޑަކުދިންގެ އަދުލުގެ ނިޒާމް ހަރުދަނާކުރުމަކީ ކުޑަކުދިންގެ މެދުގައި އުފެދިގެންދާ ކަންތައްތަކުގެ ސަބަބުން އެކުދިންގެ އާއިލާތަކާއި އަދި ވަށައިގެންވާ މުޖުތަމައުއާ މުޅި ޤައުމުގެ މުސްތަޤުބަލާ ހުރި ގޮންޖެހުންތަކުން އަރައިގަނެ ޤައުމުގެ ކުރިމަގު ހެޔޮގޮތުގައި ބައްޓަންކުރުމަށްޓަކައި ވަރަށް މުޙިއްމު ކަމަކަށްވެގެންދާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު ނިމުނީ ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގެ 27 ވަނަ ބުރެވެ. މިހާތަނަށް 700 އެއްހާ މީހުން ވަނީ މިތަމްރީނު ފުރިހަމަކޮށްފައެވެ.