މިއަހަރުގެ 4 ވަނަ ޔޫތް ލީޑާރސް ފޯރަމް މަތިވެރީގައި ފަށައިފި

މިއަހަރުގެ 4 ވަނަ ޔޫތް ލީޑާރސް ފޯރަމް އއ.މަތިވެރީގައި މިއަދު ފަށައިފިއެވެ. ފޯރަމް މިއަދު ފެށި ނަމަވެސް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މިރެއެވެ.

މަތިވެރީގައި މިއަދު ފެށި ފޯރަމްގައި އަތޮޅުގެ 8 ރަށަކުން ދަރިވަރުން ހިމެނޭގޮތަށް 80 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވެއެވެ. ފޯރަމްގައި ބައިވެރިވުމުގެ ފުރުޞަތު ދެނީ ކޮލެޖް ޔުނިވަރސިޓީ އަދި މަތީ ސާނަވީ ދަރިވަރުންނަށެވެ. ނަމަވެސް މިފަހަރުގެ ފޯރަމްގައި އެހެން ބައެއް ޒުވާނުންނަށްވެސް ވަނީ ފުރުޞަތުދީފައެވެ. 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިފޯރަމްގައި ބައިވެރިވެފައިވަނީ މަތިވެރީގެ އިތުރުން ތޮއްޑޫ، ރަސްދޫ، އުކުޅަސް، ބޮޑުފުޅުދޫ، މާޅޮސް، ހިމަންދޫ އަދި ފެރިދޫންނެވެ.

ފޯރަމްގައި ތަފާތު އަށް ދާއިރާއަކުން ސެޝަންތައް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮމިއުނިޓީ އެންގޭޖްމަންޓް އަދި ކޮމިއުނިކޭޝަން ސްކިލްސް ސެޝަނާއި، ނޭޝަނަލް ޑްރަގް އެޖެންސީގެ ސެޝަނާއި، ކައުންޓަރ ރެޑިކަލައިޒޭޝަން އެންޑް ރިހިބިލިޓޭޝަން ސެޝަނާއި، ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ މައްޗަށް މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ކުރިއަށްގެންގޮސްދެއްވާ ސެޝަނާއި، ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ މުޙިންމުކަމުގެ މައްޗަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ފަރާތުން ކުރިއަށްގެންގޮސްދެއްވާ ސެޝަން ހިމެނެއެވެ. މީގެއިތުރުން ކެރިއަރ ގައިޑެންސް ޕްރޮގްރާމްތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުންވެސް ސެޝަނެއް ކުރިއށްގެންގޮސްދެއްވާނެއެވެ. ދިވެހި މަސްވެރިންގެ ޖަމްއިއްޔާގެ ފަރާތުން މިފޯރަމްގައި ބައިވެރިވެ، މަސްވެރިކަމުގެ މުޙިއްމު މައުލޫމާތާއި، މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ނަމޫނާ ޒުވާނަކާ ގުޅޭގޮތުންވެސް މައުލޫމާތު ޙިއްޞާކުރާނެއެވެ.

ފޯރަމްގެ ތެރެއިން ޔޫތް ލީޑާރސް ނެޓްވޯކާ ގުޅޭ މައުލޫމާތުވެސް ޙިއްޞާކުރާނެއެވެ. ޔޫތް ލީޑާރސް ނެޓްވޯޯކަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ޒިންމާދާރު ރައްޔިތެއް ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން ޒުވާނުންނަށް އިސްކަންދީގެން އުފައްދާފައިވާ ނެޓްވޯކެކެވެ. މިނެޓްވޯކްގެ ތެރެއިން މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ ދީނީ އަޤީދާއާއި، އެއްބައިވަންތަކަން ހަރުދަނާކުރުމަށާއި، ދިވެހީންގެ ޘަޤާފަތާއި އާދަކާދަތައް ގެއްލިގެން ނުދާނެ ގޮތްތައް ހޯދުމަށާއި، ވީރާނާވަމުންދާ އިޖުތިމާއީ ފޭރާން އިޔާދަކުރުމަށެވެ. އަދި ދިވެހިރައްޔިތުންނަކީ ޒިންމާދާރު ބަޔަކަށް ހަދައި، ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވެ އުޅުމަށް މަގުފަހިކޮށްދިނުމަށާއި، އިޖުތިމާޢީ ބޮޑަތި މައްސަލަތަކުން ކުޑަކުދީންނާއި، ޒުވާނުން ދުރުހެލިކުރުވުމަށްވެސް މަސައްކަތްކުރާނެއެވެ.

މިނެޓްވޯކަކީ ޔުނިވަރސިޓީ ކޮލެޖްތަކުގެ ދަރިވަރުން އެކުލެވޭގޮތަށް އުފައްދާފައިވާ ނެޓްވޯކެކެވެ. މިއަހަރުގެ 4 ވަނަ ފޯރަމް މިމަހުގެ 26 ގެ ނިޔަލަށް ކުރިއަށްދާނެއެވެ. މިއަހަރުގެ ފުރަތަމަ ފޯރަމް ބޭއްވީ ހއ.ހޯރަފުށީގައެވެ. ދެވަނަ ފޯރަމް ބޭއްވީ ހުޅުމާލޭގައެވެ. ތިންވަނަ ފޯރަމް ބޭއްވީ ގދ.ތިނަދޫގައެވެ.