ދިވެހި ބަހުގެ ދުވަހާގުޅިގެން ދިވެހި ބަހުގެ އެކަޑަމީން ބޭއްވި އަތުލިޔުމުގެ މުބާރާތުން 1 ވަނަ ހޯދީ މިނިސްޓްރީ އޮފް ހޯމްއެފެއާޒް

ދިވެހި ބަހުގެ ދުވަހާއި ގުޅިގެން ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމުކޮށްގެން ބޭއްވި އަތުލިޔުމުގެ މުބާރާތުގައި ބައިވެރިވި ވުޒާރާތަކާއި މިނިވަން މުއައްސަސާތަކުގެ ބައިން 1 ވަނަ ހޯމްމިނިސްޓްރީ ހޯދައިފިއެވެ. މި މުބާރާތުގައި ހޯމްމިނިސްޓްރީގެ ފަރީދާ މުޙައްމަދު ވަނީ މުޅިމުބާރާތުން 1 ވަނަ ހޯދާފައެވެ. އަދި މުޅި މުބާރާތުން 2 ވަނަ ހޯދީ ހޯމް މިނިސްޓްރީގެ ޚަދީޖާ އަބޫބަކުރެވެ. މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ސިވިލްސަރވިސް ކޮމިޝަންގެ ރައީސް ޑޮކްޓަރ ޢަލީ ޝަމީމެވެ.

މި މުބާރާތަކީ ދިވެހި ބަހުގެ އެކަޑަމީން ދިވެހި ބަހުގެ ދުވަހާއި ގުޅިގެން ދައުލަތުގެ ހުރިހާ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކަށް ކޮންމެ އަހަރަކުވެސް ހިންގާ މުބާރާތެކެވެ. މިއީ ހޯމްމިނިސްޓްރީން މިމުބާރާތުން 1 ވަނަ ހޯދާތާ ވިދިވިދިގެން ތިންވަނަ ފަހަރެވެ.