ޖަލުގެ ޖާގައިގެ ދަތިކަން ހައްލުކުރެއްވުމަށް، ހާލަތު ދެނެގަތުމަށް ހޯމް މިނިސްޓަރ މާލޭ ޖަލަށް ޒިޔާރަތްކުރައްވައިފި

ޖަލުގެ ޖާގައިގެ ދަތިކަން ހައްލުކުރެއްވުމުގެ ގޮތުން، ހާލަތު ދެނެގަތުމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ މިއަދު މާލޭ ޖަލަށް ޒިޔާރަތްކުރައްވައިފިއެވެ.

ޖަލަށް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރ ވަނީ ޖަލުގެ ގޮޅިތަކަށް ވަޑައިގެން ގޮޅިތަކުގެ ހާލަތު ބައްލަވާ، ހާލަތު ރަނގަޅުކޮށް، ޖާގަ އިތުރުކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަނެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި ޖަލުގެ ޖާގައިގެ ދަތިކަން ހައްލުކޮށް ކަންކަން ރަނގަޅުކުރެއްވުމަށް އިރުޝާދުދެއްވިއެވެ.

މިނިސްޓަރ ޖަލަށް ކުރެއްވި ޒިޔާރަތުގައި ޖަލުތަކުގައި ތިބި ޤައިދީންނާއި، ވާހަކަދައްކަވާ ކަންބޮޑުވުންތައް އޮޅުންފިލުއްވިއެވެ. އަދި ޖަލުތަކުގެ ހާލަތު ރަނގަޅުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މިނިސްޓަރ ވަނީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރެއްވުމަށް ކުރަންޖެހޭ ކަންކަން އަވަސްކުރެއްވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސްވެރިންނަށްވެސް އަންގަވާފައެވެ.

މިނިސްޓަރ ޖަލަށް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް އަލީ ނަޛީރާއި، އިންސްޕެކްޓަރ އޮފް ކަރެކްޝަން އަހުމަދު މުޙައްމަދުފުޅާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް އަބުދުﷲ މުނާޒު ބައިވެރިވެވަޑައިގެންނެވިއެވެ. ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް، ޤައިދީން ރަނގަޅު ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައުއަށް ނެރުމަކީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ އެންމެ އިސްކަންދެއްވާ އެއްކަންތަކެވެ.