މިނިވަން ދުވަސް ފާހަގަކުރުމުގައި އެހީތެރިވި ފަރާތްތަކުގެ އަގުވަޒަންކޮށްފި

މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގެ އެކިއެކި ކަންތައްތަކުގައި ބައިވެރވެވަޑައިގެން، އެހީތެރިވެދެއްވި ފަރާތްތަކުގެ އަގު ހޯމް މިނިސްޓްރީން ވަޒަންކޮށްފިއެވެ.

އެފަރާތްތަކުގެ އަގު ވަޒަންކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމް އެފެއާރޒް ޢިމްރާން އަބުދުﷲ ބައިވެރިވެވަޑައިގެން އެހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން ސްކޫލްތަކާއި، ފުޅަނދުތައް ތައްޔާރުކޮށްދެއްވި ކުންފުނިތަކާއި، ސިފައިންނާއި ފުލުހުންނާއި، މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަނާއި، މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަނާއި، މޯލްޑވްސް ސްކައުޓް އެސޯސިއޭޝަނާއި، ރެޑްކްރެސެންޓާއި، އައިޖީއެމްއެޗްގެ އިތުރުން އެކިގޮތްގޮތުން އެހީތެރިވި ވަކިވަކި ފަރުދުންގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދެއްވިއެވެ.

ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވީ މިއީ އަޅުގަނޑުމެން އެންމެން އެކުގައި އަޅުގަނޑުމެންގެ ޤައުމަށްޓަކައިކުރި މަސައްކަތެއްގެ އަގުވަޒަންކުރުމަށް އެކަމުގެ އުފަލުގައި ބާއްވާ ހަފްލާއެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިއީ މިނިވަންކަމުގެ އުފަލުގައި އަޅުގަނޑުމެން އެންމެން ހިންގި ހަރަކާތްތަކުގައި ބައިވެރި ވެވުނީތީ އެކަމުގެ އުފަލުގައި ބޭއްވޭ ހަފްލާއެއްކަމަށެވެ.

އިންސާނެއްގެ މުޅި ހަޔާތުގައި އެންމެބޮޑު އެއް އުފަލެއް އިހުސާސްކުރެވޭ އެކައްޗަކީ އޭނަގެ މިނިވަންކަމުގެ އުފާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އެންމެބޮޑު ދެރަކަމެއް ނިކަމެތިކަމެއް އިހުޞާޞްކުރެވޭ އެއްޗަކީ މިނިވަންކަން ގެއްލި އަޅުވެތިކަން އިހުޞާސްކުރަންޖެހުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިނިވަންކަމެއް ލިބެނީ ޚާއްޞަކޮށް އަޅުވެތިކަމެއްގެ ތެރެއިން މިނިވަންކަމެއް ލިބެނީ އެންމެން އެކުވެ އެއްބާރުލާ އަތުގުޅާގެން އެކުގައި ކުރާ މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުންކަމަށެވެ.

" މިނިވަންކަމެއް ލިބެނީ އެކުވެރިކަމުން. މިނިވަންކަން ގެއްލެނީވެސް އެކުވެރިކަމުން. މިނިވަންކަން ގެއްލިގެންދާއިރު އެބައެއްގެ އެޤައުމެއްގެ އަހުލުވެރީންގެ އެކުވެރިކަން ގެއްލިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން. އެހެންވީމާ މިނިވަންކަމުގެ އަޞްލަކީ މިނިވަންކަމުގެ އަޞާޞަކީ އެމިނިވަންކަމަށްޓަކައި އެންމެންވާ ޤުރުބާނީއާއި އެންމެން އެކުގައި ކުރާ މަސައްކަތް ނުވަތަ ޖިހާދު. " މިނިސްޓަރ ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުމުގައި މިނިވަންދުވަހުގެ ރަސްމިއްޔާތަށް ހުށައެޅުންތައް ތައްޔާރުކޮށްދެއްވި ސްކޫލްތަކާއި، ފުޅަނދުތައް ތައްޔާރުކޮށްދެއްވި ކުންފުނިތަކާއި، ސިފައިންނާއި، ފުލުހުންނާއި، ހިލޭ ސާބަހަށް މަސައްކަތްކުރި ޖަމްއިއްޔާތަކާއި، ވޮލަންޓިއަރުންވެސް ބައިވެރިވިއެވެ.