ޒުވާން އުމުރުގައި ލިބޭ ފުރުޞަތުތައް ހެޔޮގޮތުގައި ބޭނުންކުރުމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއާރޒް އަލީ ނަޛީރު އިލްތިމާސްކުރައްވައިފި

ޒުވާނުން ޒުވާން އުމުރުގައި ލިބޭ ފުރުޞަތުތައް ހެޔޮގޮތުގައި ބޭނުންކުރުމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއާރޒް އަލީ ނަޛީރު އިލްތިމާސްކުރައްވައިފިއެވެ.

ސްޓޭޓް މިނިސްޓަރ މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ތިނަދޫގައި ފެށި ޒުވާނުންގެ ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ. ސްޓޭޓް މިނިސްޓަރ ވިދާޅުވީ ޒުވާން އުމުރު ގެއްލުމުން ހިތާމަކުރާނީ މަސައްކަތްކޮށް ނުކުރެވުނު ނުވަތަ ކާމިޔާބުނުވި ކަންތައްތަކުގެ މައްޗަށް ނޫންކަމަށާއި، ހިތާމަކުރާނީ ފުރުޞަތުލިބި، ކުރަން ބޭނުންވެ ނުކޮށް ދޫކޮށްލެވުނު ކަންކަމުގެ މައްޗަށްކަމަށެވެ. އެހެންކަމުން ޒުވާން އުމުރުގައި ލިބޭ ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި ކުރިއަށް ދިއުމަށް އިލްތިމާސްކުރެއްވިއެވެ. ފޯރަމްގެ ބައިވެރިންނާ މުހާތަބުކުރައްވާ ސްޓޭޓް މިނިސްޓަރ ވިދާޅުވީ ކުރިމަގުގައި ޤައުމުގެ ރައީސްކަންކުރާނީ ތީގެތެރެއިން ކުއްޖެކަމަށާއި، މަޖިލީހުގެ މެމްބަރުންގެ ގޮތުގައިވެސް ތީގެތެރެއިން ކުދިން ތިބޭނެކަމަށެވެ. އަދި ޖުޑީޝަރީގައި ފަނޑިޔާރުންގެ ގޮތުގައި ތިއްބަވާނީވެސް ތިޔައިގެ ތެރެއިން ކުދިންކަމަށެވެ. އެހެންކަމުން ލިބޭ ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާ ޒިންމާދާރު ބަޔަކަށްވުމަށް މަސައްކަތްކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ އަލީ ނަޛީރު ވިދާޅުވީ އެންމެ ރަނގަަޅަށްނޫން ގޮތަށް އުޅެވޭ ޒުވާނުން އަޅުގަނޑުމެންގެ ތެރޭގައި އެބަތިބިކަމަށާއި، ޖަލުތަކަށް ބަލާއިރުވެސް އެޖަލުތަކަށް ވަދެނިކުމެވާ ފަރާތްތަކުގެ ތެރޭގައިވެސް އަންތަރީސްވާ މިންވަރަށް ޒުވާނުން ހިމެނޭކަމަށެވެ. ޖަލުތަކުގެ ހާލަތު ދެނެގަތުމަށް ކުރި މަސައްކަތުން ފާހަގަކުރެވުނު ގޮތުން ޖަލުތަކަށް ވަދެނިކުމެވާ ވަރަށްބޮޑު އިންސައްތައަކީ ޒުވާނުންކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޖަލަށް ވަދެފައި ގިނަފަހަރަށް ނިކުމެގެން އަންނަނީ ރަނގަޅުވެގެން ނޫންކަމަށާއި، ގިނަފަހަރަށް އެކުދިން އަންނަނީ އެއަށްވުރެ ގޯސް ކުށަކަށް އަރައިގަންނަ މީހަކަށް ވެގެންކަމަށް ނަޒީރު ވިދާޅުވިއެވެ.

" ސަރުކާރުން އަޅުގަނޑުމެން ކުރަންބޭނުންވާ އެއްކަމަކީ ކުރިއަށް އޮތްތާނގައި ކުރިއަށް ދުވަސްތަކުގައި، ކުރިއަށް އޮތް މުސްތަޤްބަލްގައި އަޅުގަނޑުމެންގެ ޤައުމު ހިންގާނެ ބަޔަކު ތިބުން. ހެޔޮމަގުގައި އަޅުގަނޑުމެންގެ ރާއްޖެ އަންނަންއޮތް ޖީލުތަކަށް ވާޞިލްކޮށްދޭނެ ބަޔަކު އުފެއްދުން އެއީ އަޅުގަނޑުމެންނަށް އެންމެ މުޙިއްމުކަމަކީ" ސްޓޭޓް މިނިސްޓަރ ނަޒީރު ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ ޒުވާނުންނަށް އަޅުގަނޑުމެންދޭން ބޭނުންވާ ފުރުޞަތު ވަރަށް ބޮޑުކަމަށާއި، މިފަދަ ޕްރޮގްރާމްތަކުގެ ތެރެއިން އަޅުގަނޑުމެން ނެރެން ބޭނުންވާ ނަތީޖާއަކީ ޒިންމާދާރުގޮތެއްގައި އަމިއްލައަށް އިސްނަގައިގެން ތިމާގެ ވަށައިގެންވާ މުޖުތަމައުގައި ހުންނަ އެންމެ ރަނގަޅުނޫން ކަންކަން، އެންމެ ރަނގަޅުނޫން މީހުން، އެކަންކަމާ މީހުންނާ ކުރިމަތިލާ އަމިއްލައަށް އިސްނަގައިގެން ހެޔޮ މަގަށް ހެޔޮގޮތަށް ކަންކަން ބައްޓަންކުރާނެ ބަޔަކަށް ދިވެހިރާއްޖޭގެ ޒުވާނުން، ދިވެހި ޒުވާނުން ވުންކަމަށެވެ.