ޒުވާން ލީޑަރުންގެ މިއަހަރުގެ 3 ވަނަ ފޯރަމް ތިނަދޫގައި ފަށައިފި

ޔޫތް ލީޑާރސް ނެޓްވޯކުން ކުރިއަށްގެންދާ ޒުވާން ލީޑަރުންގެ މިއަހަރުގެ 3 ވަނަ ފޯރަމް ގދ.ތިނަދޫގައި މިއަދު ފަށައިފިއެވެ.

ތިންވަނަ ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއާރޒް އަލީ ނަޛީރެވެ.

ތިނަދޫގައި މިއަދު ފެށި ޕްރޮގްރާމްގައި ތިނަދޫގައި ހުރި ސްކޫލްތަކާއި، ކޮލެޖްތަކުން 74 ދަރިވަރުން ބައިވެރިވެއެވެ. ޕްރޮގްރާމްގައި 7 ސެޝަން ހިމެނެއެވެ. އޭގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި، މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ފަރާތުން ކުރިއަށްގެންދާ ސެޝަންތައް ހިމެނެއެވެ. ތިނަދޫފައި މާދަމާރޭގެ ނިޔަލަށް ފޯރަމް ކުރިއަށްދާނެއެވެ.

މިއަހަރުގެ ފުރަތަމަ ފޯރަމް ފެބްރުއަރީ މަހު ބޭއްވީ ހއ.ހޯރަފުށީގައެވެ. ދެވަނަ ފޯރަމް ބޭއްވީ ހުޅުމާލޭގައެވެ.

ޔޫތު ލީޑަރސް ނެޓްވޯކަކީ ކޮލެޖް ޔުނިވަރސިޓީތަކުގެ ދަރިވަރުންގެ ތެރެއިން އެކުލަވާލެވިފައިވާ ނެޓްވޯކެކެވެ. މިނެޓްވޯކް ހަރަކާތްތެރިވާނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ތެރެއިންނެވެ. މިއީ ޒިންމާދާރު ރައްޔިތުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުޙިއްމު މަސައްކަތެކެވެ.