ތ.އަތޮޅުގެ ދެރަށަކާއި، ޅ.ކުރެންދޫގައި މަޝްރޫޢު ހިންގަން އެހީދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ތ.އޮމަދޫއާއި، ދިޔަމިގިލީގެ އިތުރުން ޅ.ކުރެންދޫގައި މަޝްރޫޢެއް ހިންގުމަށް ފައިސާގެ އެހީދިނުމުގެ އެއްބަސްވުމުގައި މިނިސްޓްރީން ތިން ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޅ.ކުރެންދޫއާއެކު ސޮއިކުރީ އެރަށު ޤަބުރުސްތާން ވަށާފާރު ރޭނުމަށް އެހީދިނުމުގެ އެއްބަސްވުމުގައެވެ. މިއެއްބަސްވުމުގެ ދަށުން މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވަނީ 300،000.00 (ތިންލައްކަ ރުފިޔާ) އެވެ. ކުރެންދޫ ކައުންސިލްގެ ފަރާތުން މިމަޝްރޫއަށް 320،000.00 (ތިންލައްކަ ވިހިހާސް ރުފިޔާ) ޚަރަދުކުރާނެއެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ނަޛީރެވެ. ކުރެންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް އިސްމާއީލް މަދީހުއެވެ.

ތ.އޮމަދޫ ކައުންސިލަށް ފައިސާގެ އެހީދިނުމަށް އެއްބަސްވުމުގައި ސޮއިކުރީ އެރަށު ޤަބުރުސްތާން ވަށާފާރު ރޭނުމަށެވެ. މިމަޝްރޫއަށް މިނިސްޓްރީގެ ފަރާތުން ދިނުމަށް ހަމަޖެހިފައިވަނީ 300،000.00 (ތިންލައްކަ ރުފިޔާ) އެވެ. އޮމަދޫ ކައުންސިލުން މިމަޝްރޫޢަށް 200،000.00 (ދެލައްކަ ރުފިޔާ) ޚަރަދުކުރާނެއެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ނަޛީރެވެ. ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ހާރޫން މުޙައްމަދެވެ.

ތ.ދިޔަމިގިލި ކައުންސިލާއެކު މިއަދު އެހީދިނުމަށް ސޮއިކުރީ އެރަށުގައި މަގުބައްތި ޖެހުމަށެވެ. މިމަޝްރޫއަށް މިނިސްޓްރީން ދޭނީ 300،000.00 (ތިންލައްކަ ރުފިޔާ) އެވެ. ދިޔަމިގިލި ކައުންސިލުން މިމަޝްރޫޢަށް 151،550.00 (އެއްލައްކަ ފަންސާސް އެއްހާސް ފައްސަތޭކަ ފަންސާސް ރުފިޔާ) ޚަރަދުކުރާނެއެވެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ނަޛީރެވެ. ދިޔަމިގިލި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް މުޙައްމަދު ވިޝާމްއެވެ.

މިމަޝްރޫއުގެ ދަށުން 17 ރަށަކަށް އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޕާރކް ހެދުމަށް 6 ރަށަކަށް، މަގުބައްތި ޖެހުމަށް 6 ރަށަކަށް، ޤަބުރުސްތާން ވަށާފާރު ރޭނުމަށް 4 ރަށަކަށް އަދި ނެރުބައްތި ޖެހުމަށް 1 ރަށަށެވެ. ރަށްތައް ކަނޑައެޅީ ޢާއްމުކޮށް ހުޅުވާލައި، ކައުންސިލް ތަކުން ހުށައެޅި ޕްރޮޕޯސަލްތައް ބެލުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތައް ބަލައިގެންނެވެ.