ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ 13 ވަނަ މަސައްކަތު ބައްދަލުވުން ވޭމަންޑޫގައި ފަށައިފި

ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ 13 ވަނަ މަސައްކަތު ބައްދަލުވުން ތ.ވޭމަންޑޫގައި ފަށައިފިއެވެ.

ތ.އަތޮޅުގެ ރަށްރަށަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިބައްދަލުވުމުގައި 12 ރަށުން އަތޮޅާއި، ރަށުފެންވަރުގެ މުއައްސަޞާތަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލްތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި، އަންހެނުން ކޮމިޓީތަކާއި، ތައުލީމީ ދާއިރާއާއި، ޞިއްޙީދާއިރާއާއި، އަދުލް އިންސާފްގެ ދާއިރާގެ މުއައްސަޞާތަކުން ބޭފުޅުން ބައިވެރިވެއެވެ. އެގޮތުން 12 ރަށުން ހަތްދިހައެއްހާ ބޭފުޅުން މިފަހަރުގެ މަސައްކަތުބައްދަލުވުމުގައި ބައިވެރިވެއެވެ. މިފަހަރުގެ މަސައްކަތުބައްދަލުވުމުގައި އަށް ދާއިރާއަކުން ފެސިލިޓޭޓަރުން ބައިވެރިވެވަޑައިގެން ސެޝަންތައް ކުރިއަށްގެންދާނެއެވެ. އެދާއިރާތަކަކަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ، މޯލްޑިވްސް ޕޮލިސް ސަރވިސް، ޖުވެނައިލް ޖަސްޓިސް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް، މިނިސްޓްރީ އޮފް ހެލްތް، ނޭޝަނަލް ޑްރަގް އެޖެންސީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް، އަދި މިނިސްޓްރީ އޮފް ހޯމްއެފެއާޒެވެ.

މިއީ ޒިންމާދާރ ރައްޔިތުން ބިނާކުރުމުގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުރިއަށްގެންދާ ސިލްސިލާ މަސައްކަތު ބައްދަލުވުމެކެވެ. މަސައްކަތުބައްދަލުވުންތައް ކުރިއަށްގެންދަނީ ސަރުކާރުގެ އޮފީސްތަކުގެ ބައިވެރިވުމާއެކުއެވެ.

މިފަހަރުގެ މަސައްކަތުބައްދަލުވުމުގައި ބައިވެރިވަނީ ވޭމަންޑޫ،ވިލިފުށި، މަޑިފުށި، ދިޔަމިގިލި، ކަނޑޫދޫ، ވަންދޫ، ހިރިލަންދޫ، ތިމަރަފުށި، ކިނބިދޫ، ގުރައިދޫ، އަދި އޮމަދޫއިންނެވެ. މިމަސައްކަތު ބައްދަލުވުން ދެދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ.