ކިނޮޅަހާއި، ވައިކަރަދޫ އަދި އަނގޮޅިތީމްގައި މަޝްރޫޢެއް ހިންގުމަށް ފައިސާ ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ރ.ކިނޮޅަހާއި، ހދ.ވައިކަރަދޫ އަދި ރ.އަނގޮޅިތީމްގައި ތިން މަޝްރޫއެއް ހިންގުމަށް ފައިސާގެ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ކިނޮޅަހަށް ފައިސާގެ އެހީ މިނިސްޓްރީން ދެނީ އެރަށު ހިތްފަސޭހަމައިޒާން ހެދުމަށެވެ. ބަޠޫޠާ މަންޒިލް ފޭސް 2 ހެދުމަށް މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވަނީ 298،953.00 ( ދެލައްކަ ނުވަދިހަ އަށްހާސް ނުވަސަތޭކަ ފަންސާސް ތިން ރުފިޔާ) އެވެ. ކިނޮޅަސް ކައުންސިލުން މިމަޝްރޫޢަށް 180،000.00 (އެއްލައްކަ އަށްޑިހަ ހާސް ރުފިޔާ) ޚަރަދުކުރާނެއެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ނަޛީރެވެ. ކިނޮޅަސް ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަހުމަދު ހުސެއިންއެވެ.

ހދ.ވައިކަރަދޫ ކައުންސިލަށް ފައިސާގެ އެހީތެރިކަން ދެނީ އެރަށު ޤަބުރުސްތާން ވަށާފާރު ރޭނުމަށެވެ. މިމަޝްރޫޢަށް މިނިސްޓްރީގެ ފަރާތުން 300،000.00 (ތިންލައްކަ ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. ވައިކަރަދޫ ކައުންސިލުން މިމަޝްރޫޢަށް 55،540.00( ފަންސާސް ފަސްހާސް ފައްސަތޭކަ ސާޅީސް ރުފިޔާ) ޚަރަދުކުރާނެއެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ނަޛީރެވެ. ވައިކަރަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް މެމްބަރު އިމްރާހީމް މުޙައްމަދެވެ.

ރ.އަނގޮޅުތީމަށް ފައިސާގެ އެހީދެނީ އެރަށުގައި މަގުބައްތިޖެހުމަށެވެ. މިމަޝްރޫޢަށް މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވަނީ 295،500.00 ( ދެލައްކަ ނުވަދިހަ ފަސްހާސް ފައްސަތޭކަ ރުފިޔާ) އެވެ. އަނގޮޅިތީމް ކައުންސިލުން މިމަޝްރޫއަށް 180،300.00 (އެއްލައްކަ އަށްޑިހަ ހާސް ތިންސަތޭކަ ރުފިޔާ ) ޚަރަދުކުރާނެއެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ނަޛީރެވެ. ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް ޤާސިމް ހުސައިންއެވެ.

މިމަޝްރޫއުގެ ދަށުން 17 ރަށަކަށް އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޕާރކް ހެދުމަށް 6 ރަށަކަށް، މަގުބައްތި ޖެހުމަށް 6 ރަށަކަށް، ޤަބުރުސްތާން ވަށާފާރު ރޭނުމަށް 4 ރަށަކަށް އަދި ނެރުބައްތި ޖެހުމަށް 1 ރަށަށެވެ. ރަށްތައް ކަނޑައެޅީ ޢާއްމުކޮށް ހުޅުވާލައި، ކައުންސިލް ތަކުން ހުށައެޅި ޕްރޮޕޯސަލްތައް ބެލުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތައް ބަލައިގެންނެވެ.