3 ރަށެއްގައި 3 މަޝްރޫއެއް ހިންގުމަށް އެހީދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ތިން ރަށެއްގައި ތިން މަޝްރޫއެއް ހިންގުމަށް ފައިސާގެ އެހީދިނުމަށް ތިން ރަށެއްގެ ކައުންސިލާއެކު މިއަދު ސޮއިކޮށްފިއެވެ.

ފައިސާގެ އެހީދިނުމަށް މިއަދު ސޮއިކުރީ ޅ.އޮޅުވެލިފުށި ކައުންސިލާއި، އއ.ފެރިދޫ ކައުންސިލާއި، ފ.މަގޫދޫ ކައުންސިލާއެކުއެވެ. މީގެތެރެއިން އޮޅުވެލިފުށި ކައުންސިލާއެކު ސޮއިކުރީ ޤަބުރުސްތާން ވަށާފާރު ރޭނުމަށް ފައިސާގެ އެހީދިނުމަށެވެ. އެއްބަސްވުމުގެ ދަށުން މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވަނީ 235،643.75 (ދެލައްކަ ތިރީސްފަސްހާސް ހަސަތޭކަ ސާޅީސް ތިން ރުފިޔާ ހަތްދިހަ ފަސްލާރި) އެވެ. އޮޅުވެލިފުށި ކައުންސިލުން މިމަޝްރޫއަށް 77،209.75 (ހަތްދިހަ ހަތްހާސް ދުއިސައްތަ ނުވަރުފިޔާ ހަތްދިހަ ފަސް ލާރި ) ޚަރަދުކުރާނެއެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ނަޛީރެވެ. އޮޅުވެލިފުށި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ނާއިބުރައީސް ޢަބުދުލް ޢަޒީޒު މުޙައްމަދެވެ.

އއ.ފެރިދޫ ކައުންސިލާއެކު ސޮއިކުރީ އެރަށުގައި ކުޑަކުދިންގެ ޕާރކެއް އެޅުމަށް ފައިސާގެ އެހީދުނުމަށެވެ. އެއްބަސްވުމުގެ ދަށުން މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވަނީ 300،000.00 (ތިން ލައްކަ ރުފިޔާ ) އެވެ. ފެރިދޫ ކައުންސިލުން 400،000.00 (ހަތަރު ލައްކަ ރުފިޔާ ) ޚަރަދުކުރާނެއެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ނަޛީރެވެ. ފެރިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ނާއިބުރައީސް އަބުދުލް މަޖީދު މޫސާއެވެ.

ފ.މަގޫދޫ ކައުންސިލާއެކު ސޮއިކުރީ އެރަށު މަގުބައްތި މަރާމާތުކުރުމަށް ފައިސާގެ އެހީދިނުމަށެވެ. މިމަޝްރޫއަށް މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވަނީ 300،000.00 (ތިން ލައްކަ ރުފިޔާ ) އެވެ. މަގޫދޫ ކައުންސިލުން 382،000.00 ( ތިންލައްކަ އަށްޑިހަ ދެހާސް ރުފިޔާ ) ޚަރަދުކުރާނެއެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ނަޛީރެވެ. މަގޫދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަބުދުﷲ ވަހީދެވެ.

މިމަޝްރޫއުގެ ދަށުން 17 ރަށަކަށް އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޕާރކް ހެދުމަށް 6 ރަށަކަށް، މަގުބައްތި ޖެހުމަށް 6 ރަށަކަށް، ޤަބުރުސްތާން ވަށާފާރު ރޭނުމަށް 4 ރަށަކަށް އަދި ނެރުބައްތި ޖެހުމަށް 1 ރަށަށެވެ. ރަށްތައް ކަނޑައެޅީ ޢާއްމުކޮށް ހުޅުވާލައި، ކައުންސިލް ތަކުން ހުށައެޅި ޕްރޮޕޯސަލްތައް ބެލުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތައް ބަލައިގެންނެވެ.