މަޝްރޫޢުތައް ހިންގުމަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި 4 ކައުންސިލަކާއެކު ސޮއިކޮށްފި

ޖަމާޢަތުގެ ފައިދާއަށް ހިންގާ މަޝްރޫޢުތަކަށް ފައިސާގެ އެހީ ދިނުމަށް 4 ރަށެއްގެ ކައުންސިލާއެކު މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ސޮއިކޮށްފިއެވެ.

ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިހާތަނަށް ސޮއިކުރީ އއ.ހިމަންދޫ ކައުންސިލާއި،ނ.ހޮޅުދޫ ކައުންސިލާއި، ތ.ވިލުފުށި ކައުންސިލާއި، ނ.ކުޑަފަރި ކައުންސިލާއެކުއެވެ. މީގެތެރެއިން ވިލުފުށްޓާއި ކުޑަފަރި ކައުންސިލާއެކު ސޮއިކުރީ މިއަދުއެވެ.

ކުޑަފަރި ކައުންސިލަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މަގުބައްތި ޖެހުމަށެވެ. މިއެއްބަސްވުމުގެ ދަށުން މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވަނީ 300،00 ( ތިންލައްކަ ރުފިޔާ ) އެވެ. ކުޑަފަރި ކައުންސިލުން 251،642.00 ( ދެލައްކަ ފަންސާސް އެއްހާސް ހަސަތޭކަ ސާޅީސް ދެ ރުފިޔާ ) ޚަރަދުކުރާނެއެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ނަޛީރެވެ. ކުޑަފަރި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް ޙަސަން މުޙައްމަދެވެ.

ވިލުފުށި ކައުންސިލަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެނީ ކުޑަކުދިންގެ ޕާރކެއް އެޅުމަށެވެ. މިމަޝްރޫއަށް މިނިސްޓްރީން ޚަރަދުކުރާނީ 289،131.15 ( ދެލައްކަ އަށްޑިހަ ނުވަހާސް އެއްސަތޭކަ ތިރީސް އެއްރުފިޔާ ފަނަރަ ލާރި) އެވެ. ވިލުފުށި ކައުންސިލުން 170،000.00 ( އެއްލައްކަ ހަތްދިހަ ހާސް ރުފިިޔާ ) ޚަރަދުކުރާނެއެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ނަޛީރެވެ. އެއްބަސްވުމުގައި ވިލުފުށި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް ހުސައިން ޢަބުދުއްސަލާމް އާދަމްއެވެ.

މިމަހުގެ 8 ވަނަ ދުވަހު ނ.ހޮޅުދޫ ކައުންސިލަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ. އެކައުންސިލަށް ފައިސާދެނީ ކޮމިއުނިޓީ ޕާކެއް ހެދުމަށެވެ. އެމަޝްރޫއަށް މިނިސްޓްރީން ޚަރަދުކުރަނީ 284،450.00 ( ދެލައްކަ އަށްޑިހަ ހަތަރުހާސް ހަތަރުސަތޭކަ ފަންސާސް ރުފިޔާ) އެވެ. ހޮޅުދޫ ކައުންސިލުން 216،000.00 (ދެލައްކަ ސޯޅަ ހާސް ރުފިޔާ ) ޚަރަދުކުރާނެއެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ނަޛީރެވެ. ހޮޅުދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް މުޙައްމަދު ނަޞީރުއެވެ.

ޖަމާޢަތުގެ ފައިދާއަށް ޚާއްޞަކޮށްގެން ހިންގާ މަޝްރޫޢުތަކަށް ފައިސާ ހަވާލުކުރުމަށް އެންމެ ފުރަތަމަ ސޮއިކުރީ އއ.ހިމަންދޫ ކައުންސިލާއެކުއެވެ. މިމަހުގެ 7 ވަނަ ދުވަހު ހިމަންދޫ ކައުންސިލާއެކު ސޮއިކުރީ ކުޑަކުދިންގެ ޕާރކެއް ހެދުމަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައެވެ. އެމަޝްރޫއަށް މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވަނީ 300،00.00 (ތިން ލައްކަ ރުފިޔާ )އެވެ. ހިމަންދޫ ކައުންސިލުން 502،000.00 (ފަސްލައްކަ ދެހާސް ރުފިޔާ ) ޚަރަދުކުރާނެއެވެ.

ހިމަންދޫ ކައުންސިލާއެކު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ނަޛީރެވެ. ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް ޒައިނަލް އިބާދުއެވެ.

މިމަޝްރޫއުގެ ދަށުން 17 ރަށަކަށް އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޕާރކް ހެދުމަށް 6 ރަށަކަށް، މަގުބައްތި ޖެހުމަށް 6 ރަށަކަށް، ޤަބުރުސްތާން ވަށާފާރު ރޭނުމަށް 4 ރަށަކަށް އަދި ނެރުބައްތި ޖެހުމަށް 1 ރަށަށެވެ. ރަށްތައް ކަނޑައެޅީ ޢާއްމުކޮށް ހުޅުވާލައި، ކައުންސިލް ތަކުން ހުށައެޅި ޕްރޮޕޯސަލްތައް ބެލުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތައް ބަލައިގެންނެވެ.