ރާވައިގެން ހިންގާ ބޮޑެތި ކުށްތަކުގެ ސަބަބުން ދިމާވާ މައްސަކަތަކަށް ހައްލު ހޯދުމަށް ޞަރަހައްދުގެ ޤައުމުތަކުގެ މެދުގައި އެކުލަވާލާ އެއްބަސްވުމަށް ރުހުން ހޯދަން މަޖިލީހަށް ހުށައަޅައިފި

ޤައުމުތަކުގެ މެދުގައި ރާވައިގެން ހިންގާ ބޮޑެތި ކުށްތަކުގެ ސަބަބުން ދިމާވާ މައްސަކަތަކަށް ހައްލު ހޯދުމަށް ޞަރަހައްދުގެ ޤައުމުތަކުގެ މެދުގައި އެކުލަވާލާ އެއްބަސްވުމަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް އިން އިސްނަގައިގެން ޤާއިމްކުރަން ހުށައަޅާފައިވާ މިއެއްބަސްވުމަކީ ސައުތު އޭޝިއަން ރީޖަނަލް އިންޓެލިޖެންސް އެންޑް ކޯޑިނޭޝަން ސެންޓަރ އޮން ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް ޤާއިމުކުރުމުގެ ގޮތުން ވެވޭ އެއްބަސްވުމެކެވެ.

އެއްބަސްވުމުގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާތީ މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރާނީ ދިވެހިރާއްޖޭގެ އިތުރުން ބަނގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް އަދި ސްރީލަންކާ ސަރުކާރުގެ މެދުގެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ، ދެކުނު އޭޝިއާ ސަރަޙައްދުގެ އެކި ޤައުމުތަކުގެ މެދުގައި ރާވައިގެން ހިންގާ ބޮޑެތި ކުށްތަކުގެ ސަބަބުން މި ޤައުމުތަކަށް ލިބޭ އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ގެއްލުންތައް އިތުރުވަމުންދާތީ މިފަދަ ގެއްލުންތަކުން ރައްޔިތުންގެ ފުރާނައާއި އެހެނިހެން ޙައްޤުތަކާއި ޤައުމީ ބޮޑެތި މަސްލަހަތުތައް ހިމާޔަތްކުރުމުގެ މުހިންމުކަން ދަނެގަތުމެވެ. އަދި ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރެވޭ އުޞޫލުތަކާއި މި އެއްބަސްވުމުގައި ބައިވެރިވާ ޤައުމުތަކުގެ ޤާނޫނުތަކުގެ އަލީގައި އެއް ޤައުމުން އަނެއް ޤައުމުގެ އަމިއްލަވަންތަކަމާއި މިނިވަންކަމާއި ސަރަހައްދީ ނަޒާހަތްތެރިކަމަށް އިޙްތިރާމްކޮށް ޤައުމުތަކުގެ ދާޚިލީ ކަންތައްތަކަށް ބުރޫނާރާނެހެން، މިފަދަ ކުށްކުރުން ހުއްޓުވުމަށް މިއެއްބަސްވުމުގެ ދަށުން މަސައްކަތްކުރާނެއެވެ. އެގޮތުން ބައިނަލްއަޤްވާމީ ގުޅުންތައް ހަރުދަނާ ކުރުމުގެ މުހިންމުކަން ދެނެގަތުމާއިއެކު، ކަމާގުޅޭގޮތުން ހެދިފައިވާ ބައިނަލްއަޤްވާމީ އެކިއެކި މުޢާހަދާތަކުގައިވާ ކަންތައްތައް ތަންފީޛުކުރާނެއެވެ.

މި ޤައުމުތަކުގެ މެދުގައި އެއްބަސްވެގެން ހިންގާ ބައިނަލްއަޤްވާމީ އޮޕްރޭޝަންތައް ރާވާ، ހިންގާ އަދި ވިލަރެސްކުރުމުގެ ގޮތުން "ސައުތު އޭޝިއަން ރީޖަނަލް އިންޓެލިޖެންސް އެންޑް ކޯޑިނޭޝަން ސެންޓަރ އޮން ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް ގެ ނަމުގައި ސްރީލަންކާގައި ސެންޓަރެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިފަދަ ކުށްތަކާގުޅޭ މަޢުލޫމާތު އެއްކޮށް، ރައްކާތެރިކޮށް ބަލަހައްޓާ، އަދި ބޭނުންޖެހިއްޖެ ހިނދެއްގައި މިފަދަ މަޢުލޫމާތު އެއް ޤައުމުން އަނެއް ޤައުމާ ޙިއްސާކުރެވޭކަން ސެންޓަރުން ކަށަވަރުކުރުކުރާނެއެވެ.

ަޤައުމުތަކުގެ ދެމެދުގައި މި ސެންޓަރު މެދުވެރިކޮށް މަޢުލޫމާތު ބަދަލުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ، މައުލޫމާތު ޙިއްސާކުރާ ޤައުމުގެ ޤާނޫނުތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިންނެވެ .

މިއެއްބަސްވުމުގެ ދަށުން ސެންޓަރެއް ޤާއިމުކޮށް ހިންގަން ފެށުމަކީ، ދިވެހިރާއްޖޭގައި ފުޅާވަމުން އަންނަ ކުށުގެ ވެށި ކޮންޓްރޯލްކޮށް، ދިވެހިރާއްޖޭގެ ސަރަޙައްދުގައި މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނެސް، އިންސާފު ޤާއިމުކޮށް، މިފަދަ ކުށްތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭ އިޖުތިމާޢީ، އިޤްތިޞާދީ އަދި އެހެނިހެން ގެއްލުންތައް ކުޑަކޮށް، ރައްޔިތުންގެ ފުރާނައާއި މުދާލާއި އެހެނިހެން ޙައްޤުތަކާއި މަސްލަހަތުތައް ހިމާޔަތްކޮށް، ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ހަމަޖެހުން ޤާއިމުކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ވާނެއެވެ.


ނޫސް ބަޔާން