ހޯމް މިނިސްޓްރީން އީދު ފާހަގަކުރާނީ ހިންނަވަރުގައި

މިފަހަރުގެ އަޟްހާ އީދު ޅ.ހިންނަވަރުގައި ފާހަގަކުރަން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ނިންމައިފިއެވެ. ހިންނަވަރު ކައުންސިލާ ގުޅިގެން އެރަށުގައި އީދުގެ ހަރަކާތްތައް މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާނީ މި އޮގަސްޓްމަހުގެ 11 އަދި 12 ވަނަ ދުވަހުއެވެ.

އީދު ފާހަގަކުރާ ރަށަކަށް ހިންނަވަރު ހަމަޖެއްސީ މިނިސްޓްރީއާ ގުޅިގެން އީދުފާހަގަކުރަން ބޭނުންވާ ރަށްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް އެދި ކައުންސިލްތަކަށް ފޮނުވި ސަރކިއުލައާ ގުޅިގެން ޕްރޮޕޯސަލް ހުށައެޅި ރަށްތަކުގެ ތެރެއިން އެންމެ ރނގަޅު ޕްރޮޕޯސަލްއެއް ހުށައެޅި ރަށަކީ ހިންނަވަރު ކަމަށްވާތީއެވެ. 6 ރަށަކުން ވަނީ މިނިސްޓްރީއާ ގުޅިގެން އީދު ފާހަގަކުރުމަށް ޝައުޤުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށައަޅާފައެވެ.

ހިންނަވަރުގައި އީދު ފާހަގަކުރަން ނިންމުމުގެ ކުރިން މިނިސްޓްރީގެ ޓީމެއް ވަނީ އެރަށަށް ޒިޔާރަތްކޮށް މުއައްސަސާތަކާ ބައްދަލުކޮށް މަޝްވަރާކޮށް، މައުލޫމާތު އޮޅުންފިިލުވާފައެވެ.

ހިންނަވަރުގައި އީދުގެ ހަރަކާތްތައް ކުރިއަށްގެންދާނީ ޘަޤާފީ ކުޅިވަރުތަކާއި، ސްޓޭޖް ހަރަކާތްތައްވެސް ހިމެނޭގޮތަށެވެ. ހިންނަވަރުގައި އީދު ފާހަގަކުރުމަށް އެރަށުގެ ރައްޔިތުން މިހާރުވެސް ގެންދަނީ ތައްޔާރުވަމުންނެވެ. އޭގެތެރޭގައި ދަނޑިޖެހުމާއި، ބަނޑިޔާޖެހުންފަދަ ކުޅިވަރުތައް ހިމެނެއެވެ.

ހިންނަވަރުގައި ކުރިއަށްގެންދާ އީދު ކުޅިވަރުތައް ވަގުތުން ދެއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ.